ޚަބަރު

މިރެއާއި މާދަމާވެސް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ


މިރެއާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި އެންމެ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ކަނޑުތައް ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުތަކުގެ އުސްމިނުގައި ގާތްގަނދަކަށް 2 ފޫޓާއި 5 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.