ޚަބަރު

ކިހާދޫ، ދޮންފަނު އަދި ކުޑަރިކިލުގެ ބަނދަރުގެ މަސައްކަތް ނުފެށި ލަސްވަނީ އީއައިއޭ ނުނިމޭތީ


ބ. އަތޮޅު ކިހާދޫ، ދޮންފަނު އަދި ކުޑަރިކިލުގެ ބަނދަރުގެ މަސައްކަތް ނުފެށި ލަސްވަނީ އީއައިއޭ ނުނިމޭތީކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީ ހޯގާޑުން ބުނެފިއެވެ.

އެކުންފުނިން ބުނީ މި 3 ރަށުގެ ބަނދަރުގެ މަސައްކަތް ނުފެށުނުނަމަވެސް ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންކުރާ ކޮންކްރީޓް ގާތަށް އެޅުމުގެ މަސައްކަތް ތިލަފުށީގައި ކުރިއަށްދާކަމަށެވެ. އެގޮތުން އެމަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، އީއައިއޭ ރިޕޯޓް ލިބުނުހާ އަވަހަކަށް މި 3 ރަށުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށާނެކަމަށް މަސައްކަތްކުރާ ކުންފުނިން ބުނެއެވެ.

މި ތިންރަށުގަ އީއައިއޭގެ މަސައްކަތް ހަދާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ކުރީކޮޅުގައެވެ.

ސަރުކާރުން މި 3 ބަނދަރު ހެދުމަށް ބޭނުންވާ ސަރވޭ ހެދުމާއި، ޑިޒައިންކޮށް ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޑެޓާއެވެ. މި 3 ރަށުގެ ބަނދަރުގެ މަސައްކަތް ކުރުމަށް 108.3 މިލިޔަން ރުފިޔާއަށް އެ ކުންފުންޏާ ޙާވާލުކޮށްފައިވަނީ 381 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މި މަޝްރޫއަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑްއިންނާއި ސަރުކާރުގެ ބަޖެޓުންކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އޮފިޑްއިން 77 އިންސައްތަ ޚަރަދުކުރާއިރު، 23 އިންސައްތަ ޙަރަދު ކުރަނީ ސަރުކާރުންނެވެ.