ޚަބަރު

ހުޅުމާލޭގައި ވަގުތީ މުދާ ބަހައްޓަން ބިން ދޫކުރުން ހުއްޓާލައިފި


ހުޅުމާލޭގައި މުދަލާއި ތަކެތި ބެހެއްޓުމަށް ބިން އަދި ކޮންޓެއިނަރ ދޫކުރުމަށް ހުޅުވާލައިފައިވާ ފުރުސަތު ބަންދުކޮށްފިއެވެ.

ވަގުތީ ގޮތުން ހުޅުމާލެއަށް ގެންނަ މުދާ ބެހެއްޓުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅުއްވާ ތަރުތީބުން، ޖާގަ ހުރި މިންވަރަކުންކަމަށް އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ. މިވަގުތު ފޯމު ބަލައިގަތުން ހުއްޓާލުމަށް އެޗްޑީސީން ނިންމާފައިވަނީ ދޫކުރުމަށް ކަނޑައަޅާފައިވާ ބިން އަދި ކޮންޓެއިނަރ ހުރި ވަރަށްވުރެ ހުށަހަޅާފައިވާ ފޯމުގެ އަދަދު އިތުރުވުމުން ކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.

ހުޅުމާލެއިން ވަގުތީގޮތުން ގެންނަ މުދާ ބެހެއްޓުމަށް ދޫކުރާ ބިން އަދި ކޮންޓެއިނަރ އަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ބަންދުކުރި ނަމަވެސް މިހާރު ދޫކޮށްފައިވާ ބިމުން އަދި ކޮންޓެއިނަރތަކުން ޖާގަ ހުސްވާވަރަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން މައުލޫމާތުދެއްވައެވެ.

ހުޅުމާލެއިން ވަގުތީގޮތުން މުދަލާއި ތަކެތި ބެހެއްޓުމަަށް ބިމާއި ކޮންޓެއިނަރ ހޯދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުއެވެ.