ދުނިޔެ

އެމެރިކާގެ މަޖިލީހުގެ ތިރިގޭގެ ރައީސާކަމަށް އަނެއްކާވެސް ޕެލޯސީ


އެމެރިކާގެ ޤަނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާގެ ގޮތުގައި އިތުރު ދަޢުރަކަށް ނެންސީ ޕެލޯސީ ހޮވިވަޑައިގެންފިއެވެ. ދަށުގޭގެ ރައީސާގެ މަޤާމަށް ޕެލޯސީ އައްޔަންކުރަން 216 މެންބަރުންވަނީ ވޯޓުދީފައެވެ.

ޕެލޯސީއާއި ދެކޮޅަށް ވޯޓު ދިނީ 209 މެންބަރުންނެވެ. ޑިމޮކްރަޓުންގެ ތެރެއިން ފަސް މެންބަރަކުވަނީ ޕެލޯސީއަށް ތާޢީދު ނުކުރުމަށް ނިންމާފައެވެ. ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ އާންމު އިންތިޚާބުގައި ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ 11 ގޮނޑި ޑިމޮކްރަޓުންނަށް ގެއްލި، ޑިމޮކްރަޓުންނަށް ކާމިޔާބުވެފައިވަނީ 222 ގޮނޑިއެވެ.

ޤަނޫނު ހަދާ މަޖިލީހުގެ މެންބަރުން ޖަނަވަރީ މަހުގެ 3ވަނަ ދުވަހުގައިވަނީ މަޤާމުގެ ހުވާ ކުރައްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕެލޯސީ ވިދާޅުވީ ކުރީގެ މަޖިލީސްތަކަށްވުރެ މިފަހަރުގެ މަޖިލީހުން ފުރިހަމަކުރަންޖެހިފައިވާ ޒިންމާތައް އިތުރުކަމަށާއި، އެކަން ބަލައިގަންނަކަމަށެވެ.

ކޯވިޑް ޖެހިގެން އެ ޤައުމުގައި މަރުވެފައިވާ މީހުންގެ ޢަދަދު 350،000 ހުރަސްކޮށްފައިވާކަން ފާހަގަކުރައްވަމުން ޕެލޯސީ ވިދާޅުވީ އައު މަޖިލިސް ފަށަން ޖެހިފައިވަނީ ޤައުމަށް ވަރަށް އުނދަގޫ ޙާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައިކަމަށެވެ. ޕެލޯސީ ވިދާޅުވީ މިއީ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތު ރަނގަޅުކުރަންވީ ވަގުތުކަމަށާއި، އެންމެ އިސްކަމެއް ދޭނީ ކޯވިޑުން އަރައިގަތުމަށްކަމަށެވެ. އަދި ބަލިމަޑުކަމުގެ މައްޗަށް ކުރި ހޯއްދަވާނެކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިހާރު ނިންމާފައިވާ އެހީތެރިކަމުގެ އިތުރުން އިތުރު މާލީ އެހީތެރިކަންވެސް ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޕެލޯސީއަކީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާކަން ކުރައްވާފައިވާ ހަމައެކަނި އަންހެން ކަނބަލެވެ. ފާއިތުވި 17 އަހަރު އެ މަޖިލީހުގެ ރައީސާގެ މަޤާމުގައި ހުންނެވީ އެކަމަނާއެވެ.