ވިޔަފާރި

މިހާތަނަށް 17147 މީހަަކަށް އިންކަމް ސަޕޯޓް އެލަވަންސް


ކޯވިޑްއާ ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 17 ހާހަށްވުރެ ގިނަ މީހުންނަށް ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ 31 ވަނަ ދުވަހާއި ހަމައަށް 17147 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފައެވެ. އަދި އެމީހުންނަށް ދޫކުރި އިންކަމް ސަޕޯޓް އެލަވަންސްގެ ޖުމްލަ 221.1 މިލިއަން ރުފިޔާއަށް އަރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ. ޖޮބް ސެންޓަރގެ ވެބްސައިޓުގައި އިންކަމް ސަޕޯޓު އެލަވަންސް ލިބޭ ފަރާތްތަކުގެ މައުލޫމާތުތައް ދަނީ ހިއްސާކުރަމުންނެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ލިބޭނެއެވެ.

އެލަވަންސް ދިނުން މިހާތަނަށް ދެ ބުރަކަށް ބަހާލައިގެން ވަނީ ކުރިއަށްގެންގޮސްފައެވެ. ފުރަތަމަ ބުރުގައި އެލަވަންސް ދޫކޮށްފައިވަނީ އޭޕްރިލް، މެއި، ޖޫން މަހު އާމްދަނިއަށް އަސަރުކުރި މީހުންނަށެވެ. 2ވަނަ ބުރުގެދަށުން ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު މަހުވަނީ އެލަވަންސް ދޫކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެލަވަންސް ދިނުމުގެ 3ވަނަ ބުރެވެ. މި ބުރުގައި އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރުމަހު އަމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އެލަވަންސް ދިނުމަށް ސަރުކާރުންވަނީ ނިންމާފައިވާކަމަށެވެ.