ވިޔަފާރި

543 ފެސިލިޓީއެއްގެ 41000 އަށްވުރެ ގިނަ އެނދު އޮަޕަރޭޝަންއަށް


މިދިޔަ ޖުލައިމަހު ފަތުރުވެރިކަން ފެށިފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 543 ފެސިލިޓީއެއް ޚިދުމަތަށް ނިކުމެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އަލުން ފަތުރުވެރިކަމަށް ނިކުތް ފެސިލިޓީތަކުގެ ތެރޭގައި ރިސޯޓް މެރީނާ، ހޮޓެލް، ސަފާރީ އަދި ގެސްޓްހައުސްތައް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމަށް 543 ތަނެއް ހުޅުވައި ޙިދުމަތް ދޭން ފަށާފައިވާއިރު، 41854 އެނދު ވަނީ އަލުން ފަތުރުވެރިކަމަށް ނިކުމެފައެވެ.

އަލުން ފަތުރުވެރިކަމަށް ނިކުމެފައިވާ ރިސޯޓް އަދި މެރީނާގެ އަދަދު 142އަށް އަރާފައިވާއިރު، އެނދުގެ އަދަދު ވަނީ 32792 އަށް އަރާފައެވެ. 11 ހޮޓަލްއެއް ހުޅުވާފައިވާއިރު، އެނދުގެ އަދަދު ވަނީ 1458 އަށް އަރާފައެވެ. އަދި 133 ސަފާރީއާއިއެކު ސަފާރީތަކުގައި ފަތުރުވެރިނަށް ޙިދުމަތްދެމުން އަންނަ އެނދުގެ އަދަދު ވަނީ 2576 އަށް އަރާފައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 12 އަތޮޅެއްގެ 39 ރަށެއްގައި 257 ގެސްޓްހައުސްއެއް މިހާރު ވަނީ ހުޅުވައި ޙިދުމަތްދޭން ފަށާފައެވެ. މިއާއިއެކު ގެސްޓްހައުސް ސިނާއަތުގައި ފަތުރުވެރިންނަށް ޙިދުމަތްދޭ އެނދުގެ އަދަދު ވަނީ 5028 އަށް އަރާފައެވެ. މިހާތަނަށް އެންމެ ގިނަ ގެސްޓްހައުސް ހުޅުވާފައިވަނީ ކ. އަތޮޅުގައެވެ. ކ. އަތޮޅުން 118 ގެސްޓްހައުސްއެއް ހުޅުވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި އެވްރެޖްކޮށް ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު މިހާރު ވަނީ 11.2 އަކަށް އަރާފައެވެ.