ކުޅިވަރު

އާސެނަލްއާއި ވެސްޓް ބްރޮމްވިޗް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ވެސްޓް ބްރޮމްވިޗް އެލްބިއަން ރޭ ބައްދަލުކުރިމެޗް ވަރަށް ފަސޭހަ ކަމާއެކު އާސެނަލް ކާމިޔާބުކޮށްފިއެވެ. ވެސްޓް ބްރޮމްވިޗްގެ ދަނޑުގައި ކުޅުނު މިމެވް އާސެނަލް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ. މިއީ ލީގުގައި އާސެނަލް ޖެހިޖެހިގެން މޮޅުވި 3 ވަނަ މެޗެވެ. އޭގެކުރިން ކުޅުނު 7 މެޗުން އެޓީމް މޮޅުވެފައެއް ނުވެއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހާދިނީ އާސެނަލްގެ ޑިފެންސަރ ކުޅެމުންދާ ކިއެރަން ޓަރނީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު އޭގެ ފަސް މިނެޓްފަހުން ޖަހާދިނީ ބުކާޔޯ ސާކާއެވެ. މިމެޗްގައި އާސެނަލްގެ ފަހު ދެލަނޑު ވަރަށް ގާތް ގާތުގައި މެޗްގެ 60 ވަނަ މިނެޓާއި 64 ވަނަ މިނެޓްގައި ޖަހާދިނީ ތަޖުރިބާކާރު ފޯވަޑް އެލެގްޒެންޑަރ ލަކަޒެޓްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ހާމަކުރިގޮތުގައި ނިމިގެން މިދިޔައީ ވަރަށް ކާމިޔާބު ހަފްތާއެއް ކަމަށާއި ހަތް ދުވަސް ތެރޭ ކުޅުނު ތިން މެޗުން މޮޅުވުމުން ކުޅުންތެރިންނަށްވެސް މިހާރު އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗް ތަކުގައިވެސް މިކުުޅުން ތަކުރާރު ކުރެވޭތޯ މަސައްކަތް ކުރާނެކަމުގައި ހާމަކުރިއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރުވަނީ ކުޅުނު 17 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވި ވެސްޓް ބްރޮމްވިޗް އުޅެނީ 17 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.