ދުނިޔެ

ދެ ހަފުތާފަހުން ސަޢުދީ ބޯޑަރުތައް ހުޅުވާލައިފި


ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސަޢުދީ ޢަރަބިއްޔާގެ ބޯޑަރުތައް ދެ ހަފްތާއަށް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލައިފިއެވެ. މިިދިޔަ މަހުގެ 21 ވަނަދުވަހު ސަޢުދީން އެ ޤައުމުގެ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްލީ ކޯވިޑްގެ އައު ވައިރަހެއް ފެނި އެ ވައިރަސް ފެތުރެން ފެށުމުންނެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގެ ކަނޑާއި ވައިގެ އަދި އެއްގަމުގެ ސަރަޙައްދީ ރޮނގުތައް މިއަދުން ފެށިގެން އަލުން ހުޅުވާލާފައިވާކަމަށެވެ. ބޯޑަރުތައް ހުޅުވާލިނަމަވެސް ބައެއް ފިޔަވަޅުތައް ސަޢޫދީން ވަނީ އަޅާފައެވެ. މިގޮތުން ވައިރަހުގެ އައު ވައްތަރު ފެތުރެމުންދާ އެއްވެސް ޤައުމަކުން އަންނަ މީހަކަށް ސައުދީއަށް ވަދެވޭނީ އެމީހަކު އެ ޤައުމުން ނުކުތްތާ ދެ ހަފްތާ ފަހުންނެވެ. އަދި ދެ ހަފުތާގެ މުއްދަތު ހަމަވުމުން ހަދާފައިވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންވާނެކަމަށްވެސް ވަނީ ޝަރުތުކޮށްފައެވެ.

މީގެއިތުރުން ކޯވިޑްގެ އައު ވައްތަރުތައް ފެނިފައިވާ ޤައުމުތަކުން ސަޢުދީއަށް ދަތުރުކުރާ އެ ޤައުމުގެ ރައްޔިތުން އެ މީހެއްގެ ގޭގައި 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެއެވެ. އަދި އެމީހަކު ޤައުމަށް އެތެރެވުމުގެ 48 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޓެސްކުރުމުގެ އިތުރުން ކަރަންޓީނުގައި ހުންނަތާ 3 ވަނަދުވަހުވެސް ކޯވިޑަށް ޓެސްކުރަންޖެހޭނެކަމަށްވެސް ސަޢޫދީ ސަރުކާރުން ބުނެއެވެ. އެހެން ޤައުމުތަކުން އެތެރެވާ މީހުން ފުރިހަމަކުރަންޖެހޭނީ ކުރިއެކޭ އެއްގޮތަކަށް ތިން ދުވަހާއި ހަތް ދުވަހާއި ދެމެދުގެ ކަރަންޓީނެކެވެ.

ސަޢުދީ ޢަރަބިއްޔާގައި މިހާތަނަށް 362،979 މީހުންނަށް ކޯވިޑް ޖެހި، 6،239 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 101 މީހުންނަށް ބަލިޖެހި ނުވަ މީހުންވަނީ މަރުވެފައެވެ.