ނިމިިދިޔަ އަހަރަކީ ދުނިޔޭގެ މަސްރަހުގައި މާގިނަ ކަންތަކެއް ނުހިނގި ނަމަވެސް ދުނިޔޭގެ ފަހުގެ ތާރީހުގައި ބޮޑުއަކުރުން ލިޔެވޭނެ އަހަރެކެވެ. އަހަރު ނިންމާލީ މުޅި ދުނިޔެ ހުއްޓިފައި އޮވެގެންނެވެ. ދަތުރުފަތުރުތައް ހުއްޓި މީހުން ގޭގައި ބަންދުވެ ތިބެގެންނެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވެގެންނެވެ. ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް އިނދަޖެހިގެންނެވެ. މި ހާލަތުގައިވެސް ދުނިޔޭގެ އެކި ކަންކޮޅުގައި ހިނގި މަދު ހާދިސާތަކާއި އެބަހުއްޓެވެ. އަހަރުގެ މުހިއްމު ކަންކަމަށް ވަރު ކުރު ގޮތަކަށް ބަލާލެވޭތޯ ބަލާލާނަމެވެ.
މިދޔަ އަހަރު ފެށުނީ އެމެރިކާއިން ޢިރާޤަށް ދިން ޑްރޯން ޙަމަލާއެއްގައި އީރާނުގެ އަސްކަރީ އިސް ކޮމާންޑަރު ޤާސިމް ސުލައިމާނީ މަރުވި ހަބަރާއެކުއެވެ. ޒަމާނުންސުރެއް އިރާނާއި އެމެރިކާއާއި ދެމެދު އޮތް ނުތަނަވަސް ގުޅުން ސުލައިމާނީގެ މަރާއި އެކު އިތުރަށް ގޯސްވެގެންދިޔައެވެ.
ސުލައިމާނީގެ މަރުގެ ބަދަލު އީރާނުން ހިފާނެކަމަށް ބުނެ އެޤައުމުން އެމެރިކާއަށް އިންޒާރު ދިނެވެ. އަދި މި އިންޒާރުތަކުގެ ސަބަބުން އިރާނުން ދީފާނެ ހަމާލައެއް ހުއްޓުވުމަށް އިރާނާއި ގުޅުން އޮންނަ ކޮންމެ ބަޔަކަށް ހަމަލާދޭނެކަމުގެ އިންޒާރު އެމެރިކާއިންވެސް ދިނެވެ.
ސުލައިމާނީ މަރާލީ ޖެނުއަރީގެ މަހުގެ ތިންވަނަދުވަހުއެވެ. އޭގެ ފަސްދުވަސް ފަހުން އީރާނުންވަނީ ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް މިސައިލުގެ ގިނަ ޙަމަލާތަކެއް ދީފައެވެ. މި ޙަމާލާތައް ވެގެންގޮސްފައިވަނީ 1988ވަނަ އަހަރުގެ ފަހުން އީރާނުން އެމެރިކާއަށް އަމާޒުކޮށް ސީދާ ހަމަލާތަކެއް ދިން ފުރަތަމަ ފަހަރަށެވެ.
ސުލައިމާނީގެ މަރާއިއެކު އީރާނުގައި ނުތަނަވަސްކަން ވަރަށް ބޮޑުވިއެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި އީރާނުންވަނީ ޔުކްރެއިންގެ މަތިންދާ ބޯޓަކަށް ހަމަލާދީ ވައްޓާލާފައެވެ. ޖެނުއަރީމަހުގެ 8 ވަނަދުވަހު ހިނގި މި ހާދިޘާގައި ބޯޓުގައި ދަތުރުކުރި 176 މީހުންނާއި ބޯޓުގެ ކުރޫއިންވަނީ މަރުވެފައެވެ.
މި ބޯޓު ވެއްޓުނު މައްސަލާގައި އީރާނުން ފުރަތަމަ ބުނީ ބޯޓު ވެއްޓުނީ އެ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައިކަމަށެވެ. އެހެންނަމަވެސް އީރާނުން ފަހުން ބުނީ ބޯޓު ވެއްޓުނީ އޮޅުމަކުން ދެވުނު ހަމަލާއެއްގައިކަމަށެވެ. އަސްކަރިއްޔާއއިން އޮޅުމަކުން ދިން ހަމަލާއެއްގައި ބޯޓު ވެއްޓުނުކަމަށް އިރާނުން އެއްބަސްވީ ބޯޓު ވެއްޓުނުތާ ތިން ދުވަސްފަހުންނެވެ.
އަހަރުގެ ކުރީކޮޅު އިވުނު ޚަބަރުތަކުން ގިނަ ބަޔަކަށް ސިހުމެއް ގެނުވި އެއް ޚަހަބަރަކީ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކޯބީ ބްރަޔަންޓުގެ މަރުގެ ޚަބަރެވެ.
އެންބީއޭގެ ލޮސް އެންޖެލްސް ލޭކާސްގެ ކުޅުންތެރިޔާ ކޯބީ މަރުވީ އެނާގެ 13 އަހަރުގެ އަންހެން ދަރިފުޅާއި އިތުރު ބަޔަކު ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުންނެވެ. ޖެނުއަރީ 26 ވަނަދުވަހު ހިނގި މިހާދިސާގައި ކޯބީ ދަތުރުކުރި ހެލިކޮޕްޓަރ ވެއްޓުނީ ކެލިފޯނިއާގެ ކަލަބަސަސްއަށެވެ.
އުމުރުން 41 އަހަރުގެ ކޯބީއާއި އިތުރު ހަތް މީހަކު ދަތުކުރަމުން ދިޔައީ އޭނާގެ ދަރިފުޅު ކުޅެން އޮތް ކޮލެޖް ބާސްކެޓްބޯޅަ މެޗެއް ބަލާލުމަށެވެ. ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އެމެރިކާގެ ކޯބީ ބްރަޔަން ވަނީ 2008 އަހަރާއި 2012 ވަނައަހަރުގެ އޮލިމްޕިކްސް ރަން މެޑަލް އެމެރިކާއާއިއެކު ހޯދާފައެވެ.
ނިމިިދިޔަ އަހަރު ހުއްޓުވުމަކަށް ގެނައީ ޖެނުއަރީމަހުގެ 9 ވަނަދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާންކުރި ހަބަރަކުންނެވެ. ޗައިނާގެ ވޫހާން ސިޓީން އުފަންވިކަމަށް ބުނާ ވައިރަހެއް ނުރައްކާ މުޅި ދުނިޔެއަށް އޮތްކަން ޑަބްލިއުއެޗްއޯއިން ހާމަކުރީ އެދުވަހުއެވެ.
ކޯވިޑްގެ 19ގެ ނަމުން ނަންދިން މި ވައިރަސް ދުނިޔޭގެ އުތުރާއި ދެކުނަށް ފޯރާ ހަލުވިކަމާއި އެކު ފެތުރެން ފެށިއެވެ. އެއްވެސް ބޭހެއް ނެތް މި ބަލީގެ ނުރައްކާ ބޮޑުވެ މީ ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅީ މާރިޗުމަހުގެ 11 ވަނަދުވަހުއެވެ.
ޤައުމުތަކުގެ ސަރަހައްދީ ރޮނގުތައް ބަންދުކޮށް ޤައުމުތަކުގައި ފުރަބަންދު އިއުލާންކުރިއެވެ. އެއާއި އެކު މުޅީ ދުނިޔެ ހުއްޓުމުކަށް އައިސް އިޖުތިމާޢީ އަދި އިޤްތިޞާދީ ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ.
އަހަރު ނިންމާލިއިރު މިހާތަނަށް 83.22 މިލިއަން މީހުންނަށް ކޯވިޑް ޖެހި 1.8 މިލިއަން މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ދުނިޔެއިން އަދިވެސް ދަނީ މި ޞިއްޙީ ކާރިޘާއާއި ހަނގުރާމަކުރަމުންނެވެ. 2020 ނިމި އައު އަހަރު ފެށުނު އިރު ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވެ ދުނިތެ މިވަނީ ކަންބޮޑުވުމުގެ ތެރޭގައެވެ. މި ފަހަރު މިބަލީގެ އައު ވައިރަހެއް އިނގިރޭސިވިލާތުން ފެނި ފެތުރެން ފެށުމުންނެވެ.
2020 ފެށި ޗައިނާއަށް ދުނިޔޭގެ ޤައުމުތަކުން ދަތުރު ހުއްޓާލުމާއިއެކު އެވެ. އަހަރި ނިމުނު އިރު ޗައިނާ ހުޅުވާލާ އިނގިރޭސިވިލާތަށް ޤައުމުތަކުން ދަތުރުތައް މިވަނީ ހުއްޓާލާފައެވެ.
ކޮންމެ އަހަރެއްގެ ހޫނު މޫސުމަކީވެސް ބިޔަ ޖަންގަލިތަކުގައި ރޯވެ އެތައް ގެއްލުމެއް ލިބެމުން އާދެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުވެގެން ގޮސްފައިވަނީ އެހެން އަހަރަކުތަކާއި ހިލާފަށް މި ގެއްލުން ބޮޑު އަހަރަކަށެވެ. އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ އަދަމުންދިޔަ އަލިފާންގަނޑު ބޮޑުވެ އޭގެ ނުރައްކާ ބޮޑުވި އަހަރަކަށެވެ.
2019ވަނަ އަހަރުގެ ޑިސެމްބަރު މަހު ރޯވި އަލިފާންގަނޑު ނިއްވާލުމުގައި ނާކާމިޔާބުވެ، އެތައް މިލިއަން އަކަފޫޓެއްގެ ބިން ވަނީ އަނދާފައެވެ. އަދި ތިން ބިލިއަނަށްވުރެ ގިނަ ޖަނަވާރުންނަށް ވަނީ މި އަލިފާނުގެ އަސަރުކޮށްފައެވެ. މީގެއިތުރުން އެތައް ހާސް ބަޔަކަށްވަނީ ގެދޮރު ދޫކޮށް ދިޔުމަށްވަނީ މަޖުބޫރުވެފައެވެ.
ސިޑްނީއާއި އެޑެލެއިޑް ހިމެނޭގޮތަށް އޮސްޓްރޭލިއާގެ ބައެއް ސިޓީތަކުގައިވަނީ ރެކޯޑު މިންވަރަކަށް ހޫނުމިން އިތުރުވެ، ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ތަހައްމަލު ކުރަން ޖެހިފައެވެ. އަދި އަލިފާނުގެ ހާދިޘާތަކުގައި 34 މީހުންވަނީ މަރުވެފައެވެ. މިދިޔަ އަހަރުގެ އަލިފާނަކީ އޮސްޓްރޭލިއާގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ ބޮޑު މާލީ ގެއްލުމެއް ލިބުނު ޤުދުރަތީ ކާރިޘާއެވެ. އެގޮތުން 100 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާކަމަށް ކަމާއިބެހޭ މާހިރުން އަންދާޒާކުރެއެވެ.
މި ނިމިދިޔަ އަހަރަކީ އެމެރިކާ ވަރަށް ހަލަބޮލިކުރި އަހަރެކެވެ. އަހަރު ފެށުނު ތަނާއި ހިނގި ލާ އިންސާނީ އަމަލެެއްގެ ސަބަބުން އެމެރިކާގެ ސަރުކާރު ހޫނު ފެނަށް ވެއްޓިގެން ދިޔައެވެ.
މިނިއެޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހެއް ހައްޔަރުކރުމުގައި ފުލުހުން އަނިޔާވެރިކޮށް އަމަލުކުރުމުގެ ސަބަބުން އޭނާ މަރުވުމާއި ގުޅިގެން މުޅި އެމެރިކާގައި ބޮޑެތި މުޒާހަރާތައް ފެށުނެވެ.
އުމުރުން 46 އަހަރުގެ ޖޯޖު ފްލޮއިޑު މަރުވެފައިވަނީ އޭނާ ހައްޔަރުކުރުމަށްފަހު ބިން މައްޗަށް ވައްޓާލާ ކަރަށް ކަކުލުން ފިއްތާލައިގެން އިނުމުން އޭނާ ނޭވާ ހާސްވެގެންނެވެ. މި އަމަލު ފުލުހުން ހިންގިތަން ފެންނަ ވީޑިއޯ އާއްމުވިއިރު އޭގެ އިން ފެންނަ ގޮތުން ފްލޮއިޑް ދިޔައީ އޭނާ ނޭވާ ހާސްވެ މަރުވާކަން ބުނަމުންނެވެ. އެހެންނަމަވެސް އެވާހަކަތަކަށް ބީރު ކަންފަތެއް ދީ ފުލުހުންގެ މީހާވަނީ ފްލައިޑްގެ ކަރަށް ކަކުލުން ފިތާލައިގެން 9 މިނެޓަށްވުރެ ގިނައިރު އިނދެފައެވެ. މިކަމުގައި އިތުރު ތިން ފުލުހުން ބައިވެރިވެފައިވެއެވެ.
ޖޯޖު ފުލޮއިޑުގެ މަރާއިއެކު އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް ދޭ އަނިޔާތަކާއި ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުރަންފެށި ސުލްހަވެރި މުޒާހަރާތައް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައިވަނީ ކޮށްފައެވެ. އެތައް މަސް ދުވަހަކަށް ދެމިގެންދިޔަ އެ މުޒާހަރާތައް އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ފަހުން ހަލަބޮލިވެ، މުދަލަށް ގެއްލުން ދިނުމާއި ލޫޓުވުންފަދަ ކަންކަންވަނީ ހިންގާފައެވެ.
ބައިރޫތުގުގެ ބަނދަރުގައި ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވާ 200 ވުރެ ގިނަ މީހުން މަރުވެ 6000 ވުރެ ގިނަ މީހުން ޒަހަމްވީ މިދިޔަ އަހަރިގެ އޮގަސްޓްމަހުގެ 4 ވަނަދުވަހުއެވެ.
2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓު ހުރި ގުދަން ގޮވުމުގެ ސަބަބުން އެ ސަރަޙައްދު އެއްކޮށް ބިމާހަމަވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލުނެވެ. އެ ހާދިޘާއަށްފަހު ލުބުނާނުގެ ސަރުކާރު އިސްތިޢުފާދީ، ޤައުމުގެ ސިޔާސީ މަޝްރަހުވެސް ހަލަބޮލިވެގެންދިޔައެވެ.
ނަމަވެސް އިސްތިޢުފާދެއްވި ބޮޑުވަޒީރު ހަސަން ދިޢާބު އަދިވެސް ހުންނެވީ އައު ބޮޑުވަޒީރެއް އައްޔަނުކުރެވެންދެން ބެލެނިވެރި ދަޢުރެއްގައި ޤައުމުގެ ހިންގުމާއި ޙަވާލުވެވަޑައިގެންނެވެ.
މިިދިޔަ އަހަރުގެ ފަލަ ސުރުހީތަކަށް އިނގިރޭސި ޝާހީ އާއިލާވެސް މި ވަނީ އަރާފައެވެ. ޝަހީ
އާއިލާގެ ވާހަކަތައް ނޫސްތަކަށް އެރީ ޕްރިންސް ހެރީއާއި އޭނާގެ އަނބިކަނބަލުން، މެގަން މާކްލް ޤައުމުން ދޫކޮށްލަން ނިންމި ހަބަރާއި އެކުއެވެ.
މި ދެމަފިރިން އަމިއްލަ ޤައުމު ދޫކޮށްދާން ނިންމިކަން އިއުލާންކުރީ ޖެނުއަރީމަހުގެ ތެރޭގައެވެ. ހެރީއާއި މެގަން ޤައުމުދޫކޮށްލަން ނިންމީ ޝަހީ އާއިލާގައި އަދާކުރައްވަމުން ގެންދެވި އިސްރޯލުތައްވެސް ދޫކޮށްލުމަށްފަހުއެވެ. ސަބަބަކަށް ބުނީ އަމިއްލައަށް އާމްދަނީ ހޯދައިގެން އުޅެން ބޭނުންވާތީކަމަށެވެ.
ޤައުމު ދޫކޮށް މި ދެމަފިރިން ހިޖުރަކުރީ ކެނެޑާއަށެވެ. އެޤައުމުގައި ދިރިއުޅުނުނަމަވެސް ޝާހީ ޢާއިލާއަށް އެއްބާރުލުން ދިނުމުގައި ދެމި ތިބޭނެކަމަށް ހެރީއާއި މެގަން ބުނެއެވެ.
47 އަހަރަށްފަހު ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ރަސްމީކޮށް ވަކިވީ މދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އެ ޤައުމު މިހާރު ދަނީ ވިލާތުގެ އިއްތިހާދުން ވަކިވުމަށް މި އަހަރުގެ ނިޔަލަށް ޓްރާންސިޝަން ޕީރިއަޑެއް ކަޑައްތުކުރަމުންނެވެ.
ޓްރާންސިޝަން ޕީރިއަޑް މިއަހަރުގެ ނިޔަލަށް ހަމަވާއިރު، ވިލާތުގެ އިއްތިޙާދާއިއެކު ވިޔަފާރީގެ އެއްބަސްވުމަކާއި ހަމައަށް މިހާރުވަނީ އައިސްފައެވެ. އިނގިރޭސިވިލާތުގެ ސަރުކާރާއި ވިލާތުގެ އިއްތިހާދާއި ދެމެދު ޤާއިމުކުރި އެއްބަސްވުމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުންވަނީ ރުހުން ދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު މަޤާމުން ދުރުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ބަލަން ފަށާފައިވަނީ ޖަނަވަރީ މަހުގެ ތެރޭގައެވެ.
ޓްރަންޕާއި ދެކޮޅަށް ކޯޓުން މައްސަލައެއް ބެލީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަނާއި އޭނާގެ ދަރިކަލުން ހަންޓާރ ބައިޑަންގެ މައްސަލައެއް ތަހުޤީޤުކުރުމަށް ޔުކްރެއިނުގެ ސަރުކާރުގައި އެދުނުކަމަށް ބުނާ މައްސަލައެކެވެ. އެހެންނަމަވެސް ޓްރަންޕު ވަނީ ފަސޭހަކަމާއި އެކު މި މައްސަލަ އޭނާ ކޮޅަށް ނިމި މައްސަލައިން ފެބްރުއަރީ މަހުގެ 5 ވަނަދުވަހު ސަލާމަތްވެޑައިގެންފައެވެ.
އަފްޣާނިސްތާނަށް ޞުލްޙަ ގެނައުމަށް ޠާލިބާނާއި އެމެރިކާ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ޞުލްޙައިގެ މި އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންނާއި ގުޅިފައިވާ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އަލްޤައިދާ ހިމެނޭގޮތަށް އިދިކޮޅު ހަނގުރާމަވެރި ފައުޖުތަކުން އެމެރިކާއާއި އެޤައުމަށް ވާގިވެރިވާ ޤައުމުތަކަށް ބިރުދެއްކުމަށް އަފްޣާނިސްތާނު ބޭނުން ކުރުން މަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ޠާލިބާނުން ވަނީ އެއްބަސްވެފައެވެ.
ޞުލްޙައިގެ އެއްބަސްވުމުގެ ދަށުން ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާއި ދެމެދު މަޝްވަރާތައް ފެށުމަށްވަނީ ޝަރުތުކޮށްފައެވެ. ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ޤާއިދީން ބަދަލުކުރުމަށް ވެފައިވާ ޝަރުތު ފުރިހަމަކުރުމަށް ހިޔަނި އެޅި، މަޝްވަރާ ބައްދަލުވުންތައް ފަށާފައިވަނީ ކުރިން އެއްބަސްވެފައިވާ ތާރީޚަށްވުރެ އެތައް މަހެއް ފަހުންނެވެ.
މަޝްވަރާތައް ފެށުމާއިއެކު ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރާ ޙަމަލާތައްވަނީ ވަރުގަދަވެ އިތުރުވެފައެވެ.
އިންޑިއާއި ޗައިނާގެ ބޯޑަރުކައިރީ އޮންނަ ގަލްވާން ވާދީ މިިދިޔަ އަހަރުގެ ޖޫންމަހު ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. މި ހަމަނުޖެހުންތަކުގައި އިންޑިއާ ސިފައިންގެ ފައުޖުތަކުން 20 މީހުންވަނީ މަރުވެފައެވެ. ޗައިނާ ފައުޖުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މީ ފާއިތުވި 50 އަހަރުގެ ތެރޭގައި މި ދެ ޤައުމުގެ ދެމެދުގައި ހިންގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ. އެ ކުރިމަތިލުމަށްފަހު ދެ ޤައުމުންވެސްވަނީ ޙަމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވެފައެވެ.
މި އަހަރުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު ޢަރަބި ހަތަރު ޤައުމަކުންވަނީ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައެވެ. ޔޫއޭއީ އާއި ބަހުރައިނާއި ސޫދާނާއި މޮރޮކޯއިންވަނީ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުންތަކާއި މެދު ފަލަސްޠީނުގެ ރައްޔިތުންވަނީ ނުރުހުން ފައުޅުކޮށްފައެވެ. ފަލަސްޠީނުން ބުނަމުންދަނީ އެ އެއްބަސްވުންތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ގެއްލި ނިކަމެތިވާކަމަށެވެ. އަދި ފަލަސްޠީނުގައި އަމާންކަމާއި ސުލްޙަ ޤާއިމްކޮށް، އެ ޤައުމަށް އިސްތިޢުމާރުވެފައިވާ އިސްރާއީލުންގެ ކިބައިން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުންކަމަށެވެ.
ފަލަސްޠީނުން ބުނަމުންދަނީ އެ ޤައުމުގައި މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އިސްރާއީލާއެކު ގުޅުންބަދަހި ކުރާ ޢަރަބި ޤައުމުތަކުގެ ސަބަބުން ހުރަސް އެޅޭކަމަށާއި އެ ޤައުމުތަކުން ފަލަސްޠީނަށް ބޭވަފާތެރިވެފައިވާކަމަށެވެ.
ކޯވިޑަކީ އެއްވެސް ބައްޔެއް ނޫންކަމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން ގެންދެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް އެ ބަލި ޖެހުނުކަން އިއުލާންކުރީ އޮކްޓޯބަރުމަހުގެ 2 ވަނަދުވަހުއެވެ. ޓްރަންޕާއި އެކު އެމަނިކުފާނުގެ އަނބިކަނބަލުން މިލޭނިއާ ޓްރަންޕަށްވެސް ބަލިޖެހުނެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ބަލި ޖެހުމުން ފަރުވާ ދިނުމަށް ވޮލްޓާ ރީޑް އަސްކަރީ ހަސްފަތާލަށް ގެންގޮސް ޓްރަންޕު އެޑްމިޓުކުރިއެވެ. އެހެންނަމަވެސް ޓްރަންޕު އެތާގައި ހުންނެވީ އެންމެ ތިންދުވަހެވެ. އެއަށްފަހު އެނބުރި ވައިޓްހައުސްއަށް ވަޑައިގެން ރަސްމީ ކެމްޕެއިންގެ މަސައްކަތް ފައްޓާވާ ދަތުރުތައް ކުރެއްވިއެވެ.
ބަލީގެ ސަބަބުން ރިޔާސީ ބަހުޘްގެ ދެވަނަ ބުރު މި ފަހަރު ބޭއްވޭ ގޮތެއް ނުވިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ވެގެން ދިޔައީ މުޅި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ހުއްޓުނު އިންތިޚާބަކަށެވެ. އިންތިޚާބުގައި ވާދަކުރައްވާފައިވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ޑިމޮކްރަޓުންގެ ފަރާތުން ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.
ވާދަވެރި މި އިންތިޚާބުގައި އިލެކްޓޯރަލް ވޯޓުގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ބައިޑަންއެވެ. އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ޔަޤީންކުރައްވާ ބައިޑަންވަނީ ޖުމްލަ 306 ވޯޓު ހޯއްދަވާފައެވެ. ޓްރަންޕަށް ކާމިޔާބުކުރެވުނީ 232 ވޯޓެވެ. އޭގެ އިތުރުން ރައްޔިތުންގެ ވޯޓުގެ އަޣުލަބިއްޔަތުވެސް ލިބިވަޑައިގަތީ ޖޯ ބައިޑަންއަށެވެ.
ބައިޑަނަށް ޖުމްލަ 81 މިލިއަން ވޯޓު ލިބިވަޑައިގެންފައިވާއިރު އެ ޢަދަދަކީ އެމެރިކާގެ އިންތިޚާބެއްގައި އެއް ކެންޑިޑޭޓަކަށް ލިބުނު އެންމެ ގިނަ ވޯޓުގެ ޢަދަދެވެ. ނަމަވެސް ރައީސް ޓްރަންޕުވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވަން ދެކޮޅު ހައްދަވައި، ވޯޓު އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވާފައެވެ. އަދި އެކި ކޯޓުތަކުގައި ވަނީ އިންތިޚާބުގެ ނަތީޖާއަށް ގޮންޖައްސަވާފައެވެ. ނަމަވެސް އެއްވެސް ކޯޓަކުން ޓްރަންޕަށް ކާމިޔާބު ލިބިވަޑައިގެންފައެއް ނުވެއެވެ.
މިމަހުގެ 20ވަނަ ދުވަހު ބައިޑަންއާއި އިންތިޚާބީ ނައިބު ރައީސް، ކަމާލާ ހެރިސް މަޤާމާއި ރަސްމީކޮށް ޙަވާލުވެވަޑައިގަންނަވާނެއެވެ. އުމުރުން 78 އަހަރުފުޅުގެ ބައިޑަން ވެގެންދާނީ އެމެރިކާގެ ވެރިކަމަށް ވަޑައިގަންނަވާ އުމުރުން އެންމެ ދޮށީ ބޭފުޅަށެވެ.
ކޯވިޑް ފެތުރެން ފެށުމާއެކު ދުނިޔޭގެ އެކި ސަރަޙާއްދުތައި ތިބި ސައިންސްވެރިންވަނީ ވައިރަހާއި ދެކޮޅަށް މަސައްކަތްކުރާ ވެކްސިނެއް އުފެއްދުމަށް އަވަސްވެގަންފައެވެ. ކުރީގެ އާންމު ދިރިއުޅުމަށް ރުޖޫޢަވެ، ބަލިމަޑުކަން ނިމުމަކަށް ގެނެވޭނެ ހަމައެކަނި މަގަކީ އެއީ ކަމަށް ޞިއްޙީ މާހިރުން ދިޔައީ ބުނަމުންނެވެ.
ވެކްސިނެއް އުފެއްދިދާނެ އަވަސްކަމާއި މެދު ސުވާލުތަކެއް އުފެދުނު ނަމަވެސް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ މާރިޗު މަހުގެ ތެރޭގައެވެ. ވެކްސިނެއް ހޯދުމަށް ފެށި ތަހުލީލުތަކަށް އަހަރުގެ މެދުތެރޭ އުންމީދީ ނަތީޖާތައް ލިބެން ފެށިއެވެ.
އާދަޔާ ޚިލާފު ބާރު މިނެއްގައި ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަނަމަވެސް މިއަހަރުގެ ކުރިން ވެކްސިނެއް ލިބޭނެކަމަށް އޭރު ބެލެވިފައެއް ނެތެވެ. ނަމަވެސް ހޫނު މޫސުން ނިމި ފިނި މޫސުން ފެށުމުގެ ކުރިން ފައިޒާއާއި ބަޔޯއެންޓެކުން އުފެއްދި ވެކްސިންގެ ކާމިޔާބީ އެ ކުންފުނިން އާއްމުކުރިއެވެ. އެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް ހުރީ 95 އިންސައްތަގައި ކަމަށް އެ ކުންފުނިން އިއުލާންކުރިއެވެ.
މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފުރަތަމަ ދީނީ އިނގިރޭސިވިލާތުންނެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ވެކްސިން ދިނުމުގެ ޙަރަކާތްތައް މިހާރު ފެށިގެން އެބަ ކުރިއަށްދެއެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަދި ލެޖެންޑް ޑިއެގޯ މަރަޑޯނާ މަރުވީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަދުވަހުއެވެ. އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވީ ހާޓު އެޓޭކެއް ޖެހިގެންނެވެ. އޭނާ މަރުވީ އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާ ފަހުންނެވެ.
އުމުރުން 60 އަހަރުގެ މަރަޑޯނާ ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރުމުގެ ސަބަބުން ނޮވެމްބަރުމަހު ކުރީކޮޅު ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މަރަޑޯނާ މަރާއި ގުޅިގެން އޭނާގެ ޑޮކްޓަރުންގެ ކްލިނިކް އާޖެންޓީނާގެ ފުލުހުން ބަލާފާސްވެސް ކުރިއެވެ. ފުލުހުން މިކަން ކުރީ މަރަޑޯނާގެ ފަރުވާގައި އެއްވެސް ވަރެއްގެ ފަރުވާކުޑަކަމެއް ހިގާފައިވޭތޯ ބެލުމަށެވެ.