ވިޔަފާރި

މިދިޔަ އަހަރު ނިމުނުއިރު 555213 ފަތުރުވެރިން ރާއްޖެއަށް


2020ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 172366 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު 7628 ފަތުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ. އޮކްޓޫބަރުމަހު ރާއްޖެއަށް 21515 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ނޮވެމްބަރުމަހު ރާއްޖެއަށް ވަނީ 35759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޑިސެމްބަރުމަހު ރާއްޖެއަށްވަނީ 96225 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން އެއް މަސް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ މަހެވެ. އަދި ޑިސެމްބަރުމަހު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު އޭގެ ކުރީ ފަސް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެވެސް އިތުރެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން ދިޔުމާއި އެކެ ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުވެސް ދިޔައީ އިތުރުވަމުންނެވެ.

އެގޮތުން ބޯޑަރު ހުޅުވާލި އިރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އެހެން ނަމަވެސް އަހަރު ނިމުނު އިރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 3104 ފަތުރުވެރިން އާދެއެވެ.

ރާއްޖޭ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު މިހާރުވަނީ 30000 އަށް ވުރެ މައްޗަށް އަރާފައެެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން ރަޝިޔާއިން 31800 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 27667 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން މިހާތަނަށް 19686 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.