އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި އެސްޓަންވިލާ ރޭ ބައްދަލުކުރިމެޗުން މޮޅުވެ ޕޮއިންޓް ތާވަލްގެ އެއްނައިގާ އޮތް ލިވަޕޫލް އާ މެންޗެސްޓަރ އެއްވަރުކޮށްފިއެވެ. މެންޗެސްޓަރގެ އޯލް ޓްރެފަޑްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުންވެސް ރަގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހައިދިނީ އާރޮން ވެން ބިސާކާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މެންޗެސްޓަރ ޔުނައިޓެޑްގެ އެންތަނީ މާޝިއަލްއެވެ. މިއީ މިސީޒަންގައި، ޕްރިމިއަރ ލީގުގައި އޭނާ މެންޗެސްޓަރއަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ. މިމެޗްގެ ފުރަތަމަ ހާފް 1 ލަނޑު ސުން ލަނޑުން މެންޗެސްޓަރ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް ދެވަނަ ހާފްގައި އެސްޓަންވިލާއިން ވަނީ އެޓީމުގެ ކުޅުން ރަގަޅުކޮށް އެޓީމުގެ ފަރާތުން މިސީޒަންގައި ފެންނަމުންދާ މޮޅު ކުޅުން ދެއްކޭތޯ މަސައްކަތް ކޮށްފައެވެ. މިގޮތުން މެޗުގެ 58 ވަނަ މިނެޓްގައި ކެޕްޓަން ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަރޓްރަންޑް ޓްރައޯރޭވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިމެޗުން މެންޗެސްޓަރ މޮޅުވި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރޫނޯ ފެރްނާންދޭޒެވެ. މިއީ މިސީޒަންގެ ޕްރިމިއަރ ލީގުގައި އޭނާ މެންޗެސްޓަރއަށް ކާމިޔާބުކޮށްދިން 11 ވަނަ ލަނޑެވެ.
މިކާމިޔާބީއާއެކު މެންޗެސްޓަރ ޔުނައިޓެޑްވަނީ ކުޅުނު 16 މެޗުން 33 ޕޮއިންޓް ހޯދާ ޕޮއިންޓް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ޕޮއިންޓް ތާވަލްގެ އެއްވަނައިގައި މިހާރު އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށްވެސް ލިބިފައިވަނީ 16 މެޗުން 33 ޕޮއިންޓެވެ. ނަމަވެސް ލިވަޕޫލަށް ޕޮއިންޓް ތާވަލްގެ އެއްވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މިގޮތުން ލިވަޕޫލްއަށް ފައިދާ 17 ލަނޑު އޮތް އިރު މެންޗެސްޓަރ އަށް ލިބިފައިވަނީ ފައިދާ 9 ލަނޑެވެ.