ކުޅިވަރު

އެވަޓަން އާއި ވެސްޓްހޭމް ބައްދަލުކުރިމެޗް ވެސްޓްހޭމް ކާމިޔާބު ކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަން އާއި ވެސްޓްހޭމް ބައްދަލުކުރިމެޗް ވެސްޓްހޭމް ކާމިޔާބު ކޮށްފިއެވެ.

އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަންއާއި ވެސްޓްހޭމް ޔުނައިޓެޑް ރޭ ބައްދަލުކުރިމެޗް ވެސްޓްހޭމް ކާމިޔާބުކޮށްފިއެވެ. އެވަޓަންގެ ދަނޑު ގުޑިސަން ޕާކްގައި ކުޅުނު މިމެޗް ވެސްޓްހޭމް ކާމިޔާބުކުރީ 1 ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ވެސްޓްހޭމްއަށް ޖަހައިދިނީ ތޯމަސް ސޫޗެކްއެވެ. މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނުނީ ޑިފެންސަށް އިސްކަންދީގެން ލިބޭ ފުރުސަތުތަކުގައި ކައުންޓަރ އެޓޭކް ކޮށްގެން ކުޅޭތަނެވެ. ނަމަވެސް ދެޓީމުން ކުރެ އެއްޓީމަކަށްވެސް މާގިނަ ފުރުސަތުތަކެއް މިމެޗްގައި ތަނަވަސް ކުރެވިފައެއް ނުވެއެވެ.

މިކާމިޔާބީއަކީ ވެސްޓް ހޭމްގެ މިހާރުގެ ކޯޗް ޑޭވިޑް މޮޔޭސްއަށް ވަރަށް ހާއްސަ ކާމިޔާބީއެކެވެ. މިއީ އޭނާ އެވަޓަންގެ ކޯޗްކަމުން 2013 ވަނަ އަހަރު ވަކިވިފަހުން އެވަޓަންގެ ދަނޑުގައި އެޓީމް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އޭނާވަނީ އެވަޓަންގެ ކޯޗްކަމުގައި 11 އަހަރު ހޭދަކޮށްފައެވެ.

ރޭގެ މެޗުން މޮޅުވުމުން ވެސްޓްހޭމް އޮތީ ކުޅުނު 17 މެޗުން ލިބުނު 26 ޕޮއިންޓާއި އެކު ތާވަލްގެ 10 ވަނައިގައެވެ. މިމެޗުން ބަލިވުމުން ޕޮއިންޓް ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު އެވަޓަންއަށް މިވަނީ ބޭކާރުވެފައެވެ. އެޓީމް މިހާރު އޮތީ ކުޅުނު 16 މެޗުން ލިބިފައިޗާ 29 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. ނަމަވެސް މިހަފްތާގައި ކުޅޭ އެހެން މެޗްތަކުގެ ނަތީޖާތައް ނިކުންނަ ގޮތަކުން ޕޮއިންޓް ތާވަލްގައި އެއަށްވުރެ ފަހަތަށް ވެއްޓުމުގެ ފުރުސަތު އެވަޓަންއަށް އެބައޮތެވެ.