ކުޅިވަރު

އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ހިއުސްޓަންއަށް މިސީޒަންގައި ފުރަތަމަ ފަހަރަށް މޮޅެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ސެކްރެމެންޓޯ ކިންގްސް އާއި ރޭ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ހިއުސްޓަން ރޮކެޓްސް މިސީޒަންގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

ހިއުސްޓަން ރޮކެޓްސް މިމެޗް ކާމިޔާބުކުރީ 122 ޕޮއިންޓް 119 ޕޮއިންޓުންނެވެ. މިމެޗްގައި ހިއުސްޓަންގެ ތަޖްރިބާކާރު ކުޅުންތެރިޔާ ޖޭމްސް ހާޑެންވަނީ 33 ޕޮއިންޓް ހޯދައިދީ 8 އެސިސްޓް ކޮށްފައެވެ. އަދި އެޓީމްގެ ޖޯން ވޯލްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީފައެވެ. މިއީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ދެ އަހަރު ހުރުމަށްފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ. މިމެޗްގައި މިދެ ކުޅުންތެރިންގެ ޕާރޓްނަރޝިޕް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ފީނިކްސް ސަންސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް 106 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑެވިން ބޫކަރވަނީ އެޓީމަށް 25 ޕޮއިންޓް ހޯދައިދީ 7 އެސިސްޓް ކޮށްފައެވެ.

މީގެއިތުރުން ފިލަޑެލްފިއާ ސެވެންޓީ ސިކްސަރސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 116 ޕޮއިންޓް 92 ޕޮއިންޓުން ސެވެންޓީ ސިކްސަރސް ކާމިޔާބުކުރިއިރު އިންޑިއާނާ ޕޭސަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ އިންޑިއާނާ ޕޭސަރސްއެވެ.