ވިޔަފާރި

އޮތެންޓިކް މޯލްޑިވްސް - ދިވެހި ފަންނުވެރިންނަށް ކޮށާދެވުނު އަލި މަގެއް


ދިވެހި އުފެއްދުންތައް މަރކެޓުކޮށްދީ އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީބީސީން ދަނީ ދިވެހި ފަންނުވެރިންގެ މަސައްކަތް ކުރިއެރުވުމަށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެފަދަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދެމުންނެވެ.

މިގޮތުން ބީސީސީން ކުރިއަށްގެންދާ އެންމެ ކާމިޔާބުއެއް މަސައްކަތަކީ އޮތެންޓިކް މޯލްޑިވްސްގެ ނަމުގައި ހުޅުވަމުންދާ ފިހާރަތަކެވެ. އޮތެންޓިކް މޯލްޑިވްސް ފިހާރަތަކަކީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ހުޅުވާ ފިހާރަތަކެކެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައެވެ. މި ފިހާރައަށް ފަތުރުވެރިންގެ ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ.

އެއަށްފަހު މިދިޔަ ނޮވެމްބަރުމަހުގެތެރޭ ހުޅުމާލެ ސެންޓްރޯ މޯލްގައިވެސް ވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވާފައެވެ. އަދި މިހާރު ބީސީސީން ތައްޔާރުވަމުންދަނީ މާލޭގައި އޮތެންޓިކް މޯލްޑިވްސް ފިހާރައެއް ހުޅުވުމަށެވެ. އޮކިޑުމަގުގައި ހުޅުވާ މި ފިހާރައިގައި ތަކެތި ބަހައްޓަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކާއި އެކު ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތައް މިވަނީ އިތުރުވެގެން ގޮސްފައެވެ. އެފަރާތްތަކުގެ އުފެއްދުންތައް މާރކެޓުކުރެވޭނެ މަގެއް ފެނި ކުރިން އަދާކުރަމުން އައި ވަޒީފާ ދޫކޮށްލާ މިކަމަށް ހާއްސަވެފައިވާ ފަރާތްތައްވެސް މަދެއް ނޫނެވެ.

އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ތަކެތި ވިއްކަން ބަހައްޓާ ބައެއް ފަރާތްތަކާއި ޕީއެސްއެމް ނިއުސްއިން ވާހަކަދައްކާލީމެވެ. މި ފަރާތްތަކުން ވަނީ ބީސީސީގެ އެހީތެރިކަމާއި އެކު އެފަރާތްތަކުގެ ވިޔަފާރިއަށް އައިސްފައިވާ ކުރިއެރުން ފާހަގަކޮށްފައެވެ.

އެގޮތުން 'ތަކެތި' ނަމުގައި ދިވެހި ބަހުން އެކި ކަހަލަ އުފެއްދުންތައް އުފައްދާ ވިޔަފާރީގެ ވެރިޔާ އައިމިނަތު ޝަރީޙާން އިބްރާޙިމް ވަނީ އޮތެންޓިކް މޯލްޑިވްސްގެ ދެ ފިހާރައިގައިވެސް ތަކެތި ބަހައްޓާފައެވެ.

މި ފިހާރަތަކުގައި ފަތުރުވެރިންނަށް އަމާޒްކޮށްގެން ދިވެހި ބަސް ބޭނުންކޮށްގެން ތަޅުދަނޑި ފުލަށް ލައްވާ އެއްޗެހި އަދި ދަބަހުގައި ޖަހާ އެއްޗެހި ބަހައްޓާފައިވާއިރު، އޮތެންޓިކް މޯލްޑިވްސް ފިހާރަތަކާއެކު ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް އައިމިނަތު ފާހަގަކުރިއެވެ. އަދި މިހާރު އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ މި ވިޔަފާރިއަށް ކަމަށާއި މިއީ ރަނގަޅު ނަފާއެއްވެސް ލިބޭ ކަމެއްކަން އޭނާ ފާހަގަކުރިއެވެ.

" ފުދޭވަރަކަށް ތަރުޙީބު ލިބޭ، އަޅުގަނޑުމެންގެ އިންސްޓަރގްރާމް ދޭތެރެއަކުން ޓެގްވެސްވޭ އެކި ޤައުމުތަކުން ބޭފުޅުން އެއްޗެހި ބައްލަވައިގެން ގެންގޮއްސަ، އޭގެ އިތުރުން ސޭލްސްވެސް ވަރަށް މައްޗަށް ގޮސްފައިވޭ މިތަކުގައި އެއްޗެހި ބަހައްޓަން ފެށުމުން،" އައިމިނަތު ފާހަގަކުރިއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިގައި ދިވެހި ކާނާގެ ބައެއް ބާވަތްތައްވެސް ލިބެންހުރެއެވެ. އެގޮތުން ދިވެހި 'ސްނެކްސް' ވިއްކާ "ލުއި ކާނާ" ވިޔަފާރިން ވަނީ އެފަރާތްތަކުގެ އުފެއްދުންތައް ހުޅުމާލޭގައި ހުންނަ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ބަހައްޓާފައެވެ.

ލުއި ކާނާގެ މާރކެޓިންގ މެނޭޖަރ މުޙައްމަދު އިޒްވާން އަޙުމަދު ބުނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމުން ގިނަ ބަޔަކަށް އެފަރާތްތަކުގެ އުފެއްދުންތަށް އިޝްތިހާރުވެގެންގޮސްފައިވާ ކަމަށެވެ.

" އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓިފަހުން އިތުރު ކަސްޓަމަރުން ލިބިއްޖެ، ވަރަށް ގިނަ މީހުންނަށް ލުއި ކާނާގެ ޕްރޮޑަކްސްތަކާއި ބެހޭ މައުލޫމާތުތައް ލިބިގެން އެބަދޭ،" އިޒްވާން ބުންޏެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގެ ކާމިޔާބީއާއެކު ބީސީސީގެ ވިސްނުން ހުރީ މިފަދަ ފިހާރަތައް ރާއްޖޭގެ އެކި ހިސާބުތަކަކުގައި ހުޅުވުމަށެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ބީސީސީގެ ޕްރޮޖެކްޓު ޑައިރެކްޓަރ ސާމިޙް އާދަމް ވިދާޅުވީ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ރީޖަނަލް އެއަރޕޯޓްތަކުގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަައް ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

" މިހާރުވެސް މަޝްވަރާ ކުރެވެމުން އެބަދޭ ރާއްޖޭގެ ރީޖަނަލް އެއަރޕޯޓްތަކުގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަށް ހުޅުވުމުގެ، މިއަހަރުގެ ޕްލޭންގަ އެބަހުރި ރީޖަނަލް އެއަރޕޯޓްތަކުގައި މީގެ ފިހާރަތައް ހުޅުވުމުގެ" ސާމިޙް ވިދާޅުވިއެވެ.

"އޮތެންޓިކް މޯލްޑިވްސް" ފިހާރަ މެދުވެރިކޮށް ދާއިމީ ގޮތެއްގައި ދިވެހި އުފެއްދުންތައް މާކެޓް ކުރެވޭނެ ގޮތްތަކެއް ވަނީ ފަހިވެގެންގޮސްފައެވެ. އަދި މިހާރުވެސް މި ފިހާރަތައް މެދުވެރިކޮށް 50 އަށްވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ބީސީސީން ވަނީ ފަހިކޮށްދީފައެވެ.