ޚަބަރު

ބޭރުން އަންނަ ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުން ކަރަންޓީން ވާންޖެހޭގޮތަށް ހަދައިފި


ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގެ ސްކޫލުތަކާއި، ކޮލެޖް، ޔުނިވަސިޓީތަކުގައި ތައުލީމް ހާސިލު ކުރަމުންދާ ދަރިވަރުން ކަރަންޓީން ވާންޖެހޭ ގޮތަށް ހަދައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ރާއްޖޭގެ ސުކޫލު/ކޮލެޖް/ޔުނިވަރިސިޓީތަކަށް ކިޔަވަން އަންނަ ދަރިވަރުން 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީންވާންޖެހޭ ގޮތަށް ކަނޑައަޅާފައިވާކަމަށެވެ. އަދި 10 ދުވަހަށްފަހު ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކޮށްލުމަށް މިހާރު ނިންމާފައިވާކަމަށެވެ.

މިހާރު އެޗްޕީއޭއިން ދީފައިވާ ލުއިތަކާއިއެކު ގިނަ ބަޔަކު ވަނީ އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށްވެސް ގޮސްފައެވެ. އަދި ސްކޫލު ހުޅުވެންވާއިރަށް އެ މީހުން އެނބުރި ރާއްޖެއަށް އަންނައިރު، މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން އިނގިރޭސި ވިލާތުން ފިޔަވައި އެހެން ޤައުމަކުން ރާއްޖެ އަންނަ ނަމަ ކަރަންޓީން ވާކަށް ނުޖެހެއެވެ.

ނަމަވެސް އެޗްޕީއޭއިން މިހާރު މިގެނައި ބަދަލާއިއެކު ރާއްޖޭގެ އެކި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން އެނބުރި ރާއްޖެ އައުމަށްފަހު 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެއެވެ. މިގޮތަށް ކަނޑައަޅާފައިވާއިރު، ރަށްރަށުގެ ހާލަތަށް ބަލައި ސްކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން 10 ޖެނުއަރީގައި ފެށުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

ސްކޫލު އަލުން ހުޅުވުން ބަހާލާފައިވަނީ 3 ފިޔަވައްސަކަށެވެ. ފުރަތަމަ ބައިގައި ވާގޮތުން ކޯވިޑް-19އާ ގުޅިގެން ފުރަބަންދު ކޮށްފައިވާ ރަށްރަށުގެ ސްކޫލުތައް ބަންދުވާނެއެވެ. އަދި މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ ލަފާގެ މަތިންނެވެ. ކޯވިޑް-19ގެ ކޭހެއް ނެތް ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު 12އާ ހަމައަށް ކިޔަވައިދޭނެއެވެ.