އެމްއެންޑީއެފް ކޯސްޓްގާޑްގެ ޚިދުމަތް ތަޢާރަފްކުރީ، ކަނޑާއި ވައިގެ ސަރަޙައްދާ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތިގައި ދިމާވާ އެކި އެކި ހަދިސާތަކުގައި އަވަސް އެހީ ފޯރުކޮށްދިނުމަށްޓަކައެވެ.
ވަކި ޔުނިޓެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑާ ވައިގެ ބާރު އުފެއްދީ 1 ޖެނުއަރީ 1980ގައެވެ. އޭރު މި ޚިދުމަތްފެށީ ލޯންޗު ސެކްޝަނެއްގެ ގޮތުގައެވެ. އައުޓްބޯޑު އިންޖީނުއެޅި 6.95 މިޓަރުގެ ކުޑަ 3 ލޯންޏާއިއެކު ފެށި މި ޚިދުމަތް ފުޅާވެ، އެޚިދުމަތަށް މިވަނީ 41 އަހަރު ފުރިފައެވެ.
މެރިޓައިމް ސިވިލް ޑިފެންސްއާއި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަނީ މި ޔުނިޓުންނެވެ. ކަނޑުގެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ވައިގެ ސަލާމާތާއި ރައްކާތެރިކަން ޤާއިމުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު މަޤުސަދެކެވެ. ކޯސްޓް ގާޑްގެ ޚިދުމަތް ރާއްޖޭގެ 4 އޭރިއާ ކޮމާންޑްގައިވެސް އަންނަނީ ފުޅާ ދާއިރާއެއްގައި ދެމުންނެވެ. މީގެއިތުރަށް ކަނޑާއި ވައިގެ މަގުން ބަލިމީހުންނާއި، ކުއްލި ޙާލަތްތަކުގައި މީހުން އުފުލުމުގެ ބުރަ މަސައްކަތްވެސް ކުރައްވަނީ ކޯސްޓްގާޑްގެ ސިފައިންނެވެ.
ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް އެހީވުމާއި، އެފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭ ތަމްރީންތައްވެސް އާއްމު ރައްޔިތުންނަށް ދަނީ ހިންގަމުންނެވެ.
ކޯސްގާޑްގެ ދާއިރާއަކީ ޤައުމީ ދިފާއީ ބާރުގައި އެންމެ ގިނަ ފަންނީ މީހުން ބިނާކޮށްފައިވާ އެއް ދާއިރާވެސްމެއެވެ.
ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑްގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. ހެނދުނު 6:00 ގައި ހުޅުމާލެގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ކޯސްޓްގާޑްގެ ޚިދުމަތަށް 41 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް އެމްއެންޑީއެފުން ވަނީ ނިންމާފައެވެ. މިގޮތުން ހިންގާ އިޖްތިމާޢީ ހަރަކާތްތަކުގެ ތެރޭގައި ހުޅުމާލެ ފަޅު ސާފުކުރުމާއި ކ.ގާފަރުގައި އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލާއި ކޯސްޓްގާޑު ގުޅިގެން ހިންގާ މެޑިކަލް ކޭމްޕު ހިމެނެއެވެ.