ވިޔަފާރި

ބޯޑަރ މައިލްސް ޕްރޮގްރާމާއެކު އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމް ރަސްމީކޮށް ލޯންޗްކޮށް، މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ.

ބޯޑަރ މައިލްސް ޕްރޮގްރާމް ލޯންޗްކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ މިކަމަށް ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަންއާއި މުޙައްމަދު އަޙްމަދު ހުސައިންއާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އާތިފް އަދި އެމް.އޭ.ސީ.އެލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މިއަހަރު ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔާ އަދި ބޯޑަރ މައިލްސް ޕްރޮގުރާމުން ޕޮއިންޓް ލިބުނު ފުރަތަމަ ފަތުރުވެރިޔާގެ ލަޤަބު ލިބިފައިވަނީ ޖަރުމަނުވިލާތުގެ ފިރެހެނެއްކަމަށްވާ ޖޯސެން ޕައުލް ކާޗް ނަމަކަށްކިޔާ މީހެކެވެ.

ޖޯސެން ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއިއެކުގައެވެ. މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔާގެ ލަޤަބު ލިބުމާއި ގުޅިގެން އޭނާ ބުނީ، މީގެކުރިންވެސް އޭނާ ވަރަށް ގިނަ ފަހަރު ރާއްޖެ އައިސްފައިވާކަމަށެވެ. ކޯވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއިއެކު ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަމަށާއި، އެމީހުންގެ އަމިއްލަ ޤައުމުގައި ތިބުމަށްވުރެ ރާއްޖެ އައުމުން އެމީހުންނަށް މާބޮޑަށް ރައްކާތެރިކަން އިޙްސާސްކުރެވޭކަމަށެވެ. 2 ހަފްތާގެ މުއްދަތަކަށް އެމީހުން ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވަނީ ބަންޔަން ޓްރީ ވައްބިންފަރު ރިސޯޓްގައެވެ.

މި ޕްރޮގުރާމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަންއާއި މުޙައްމަދު އަޙްމަދު ހުސައިން ވިދާޅުވީ، މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމްއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ފެށިގެންދިޔަ ރަނުގެ އައު ސަފްހާއެއްކަމަށެވެ. މި ޕްރޮގްރާމް ކުރިއަށްދާވަރަކުން އިތުރަށް ފުރިހަމަކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތަކަށް މިހާރުވެސް މި ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ، ރާއްޖެއިން ބޭރުންވެސް ބައެއް ޕަރާތްތައް މި ޕްރޮގުރާމްގެ ޕާޓްނަރުންނަށްވުމަށް ޝައުޤުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިހުރީ މި ޕްރޮގުރާމްގައި ބައިވެރިވާ މީހުން ޓަޔަރ އަކަށް ނުދިޔަކަމަ ވަކިދުވަސްތަކުން އަޅުގަނޑުމެން ޕްރޮމޯޝަނަލް އެކްޓިވިޓީތަކުގެ ތެރެއިން އެކިއެކި އިނާމްތައް ޙާސިލްކުރުމުގެ ފުރުސަތުވެސް ހުރިހައި ބޭފުޅުންނަށް ދޭގޮތައް. އެއިރުން ޓޫރިސްޓުންވެސް މި ޕްރޮގުރާމްގައި އެންގޭޖްވާނެގޮތަކަށް ރޭވިގެން މި ޕްރޮގުރާމް ކުރިއަށްވެސްދާނީ." ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވިއެވެ.

މި ޕްރޮގުރާމްއާއި ގުޅޭގޮތުން އެމް.އެމް.ޕީ.އާރްސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުހައްމަދު ވިދާޅުވީ، 2021 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައި މޯލްޑިވްސް ބޯޑަރ މައިލްސްގެ ކާޑު ހަވާލުކުރެވިފައިވާއިރު މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށްވުމުގެ އުންމީދުކުރާކަމަށެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް މީގެ ސަބަބުން މަންފާތަކެއް ކުރާނެކަމަށްވެސް އުއްމީދު ކުރާކަމަށެވެ.

މި ޕްރޮގްރާމްގެ މެމްބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް ބިނާވެގެން ވަނީ ފަތުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ. ޚާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި ލިބިގެންދާނެއެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އައިދައަށް ދެވޭނީ 500 ޕޮއިންޓް ހޯދައިގެންކަމަށެވެ. އަންތަރާ އަށް ދިއުމަށް 2000 ޕޮއިންޓް ހޯދަންޖެހޭއިރު، އަބާރަނައަށް ދިއުމަށް ހޯދަންޖެހޭނީ 4000 ޕޮއިންޓެވެ. އަނަންތަރަ އަދި އަބާރަނަ އަށް އާދެވުމުން ފަތުރުވެރިންނަށް އިމިޤްރޭޝަންގެ ކައުންޓަރުތަކުގައި މަޑުކުރަންނުޖެހި ފަސޭހަކަމާއިއެކު އިމިޤްރޭޝަން ކްލިއަރެންސް ހެދޭނެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ތަޢާރަފުކުރި މި ޕްރޮގްރާމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.