ޚަބަރު

ހުޅުމާލޭގައި ޓެނިސް ކޯޓެއް ހަދަން ބިން ޙަވާލުކޮށްފި


ހުޅުމާލޭގައި ޓެނިސް ކޯޓެއް ހަދަން ބިން ކަނޑައަޅައި ޓެނިސް އެސޯސިއޭޝަންއާ އެބިން ޙަވާލުކޮށްފިއެވެ. ޓެނިސް އެސޯސިއޭޝަނާ މިބިން ޙަވާލުކޮށްފައިވަނީ މިރޭ ނޭޝަނަލް ޓެނިސް ސެންޓަރުގައި އޮތް ރަސްމިއްޔާތެއްގައެވެ.

ޔޫތު މިނިސްޓަރާއި ޕްލޭނިންގް މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަނާ ބިން، ޙަވާލުކޮށްދެއްވާފައިވަނީ ޔޫތު މިނިސްޓްރީންނެވެ. އެމިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެއެސޯސިއޭޝަންގެ ރައީސް އަހްމަދު ހަފީޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ ޓެނިސް ކުޅޭ ކުޅުންތެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ކުޅޭނެ ކޯޓު މަދުވުންކަމަށެވެ. އަދި ކުޅުންތެރިން ބޭނުންވާވަރަށް ކުޅޭނެ ފުރުސަތު ނުލިބޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ޓެނިސް ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގައި ތިބީ ހުނަރުވެރި ކުޅުންތެރިންކަމަށާއި، ކުޅުންތެރިންނަށް ކުޅުމުގެ ޖާގަ ހޯދައިދިނުމުގެ އިތުރުން ކުޅުންތެރިންނަށް އިތުރު ޓްރެއިނިންގ ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރވަނީ ޓެނިސް ކުރިއެރުވުމަށް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ސަރުކާރުގެ ބަޖެޓުން މިދުވަސްވަރު މިފަދަ ކަމަކަށް ހޭދަކުރުމަށް ދަތިވެފައިވީނަމަވެސް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އެ މަސައްކަތްތައް ކުރިޔަށް ގެންދަވާތީ މިނިސްޓަރ ވަނީ އެކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި ވާގޮތުގައި މި ހަވާލުކުރެވޭ ބިމުގަ މި ކުރެވޭ މަސައްކަތްވެސް ކުރައްވާނީ ހަމަ ތިބޭފުޅުން. އެއި އަޅުގަނޑުމެން އަމިއްލައަށް ހަމަގައިމުވެސް އަޅުގަނޑުމެންގެ ބަޖެޓުން މިކަން ކުރަން އުޅެއްޖެކަމުގައިވާނަމަ ހަމަ ގައިމުވެސް މިވަގުތު މިއޮތް ހާލަތުގަ އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން" މިނިސްޓަރ މަޙްލޫފު ވިދާޅުވިއެވެ.

ހުޅުމާލެއިން ކަނޑައެޅި ބިމުގައި 4 ނުވަތަ 5 ކޯޓު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ. އަދި މިކޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ ޓެނިސް އެސޯސިއޭޝަންގެ ފަރާތުންނެވެ.