ސިޔާސީ

ވެރިކަމަށް އަންނަންޖެހޭނީ ރައީސް އަވަހާރަކޮށްލައިގެނެއް ނޫން


ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު އަވަހާރަކޮށްލައިގެން ނޫންކަމަށާއި، އެމަގާމަށް ވަޑައިގަންނަވަންޖެހޭނީ ރައްޔިތުންގެ ލޯތްބާއި ރުހުން ލިބިވަޑައިގެންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިޙުތިރާމް ލިބިގެންކަމަށެވެ. އަދި އެކަން ދިވެހި ތާރީޚުން ހެކިދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސަކު އަވަހާރަކޮށްލުމަށް ދޭ ހަމަލާއަކީ ދުނިޔޭގެ ގައުމުތަކުގެ ހަޔާތުގައިވެސް ދިމާވާ އެންމެ ބޮޑެތި ހަމަލާތައްކަން ސިފަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ، އެފަދަ ހަމަލާތަކަކީ އެންމެ ބޮޑެތި ކުށްތަކާއި ޖަރީމާތަކުގެ ތެރޭގައި ހިމެނޭނެކަމެއްކަމަށެވެ. ތާރީޚުގައިވެސް ދިވެހިންގެ އެއްބައިވަންތަކަމާއި، އަޚްލާގު ދައްކުވާފައިވާ ފަދައިން، ދިވެހިންގެ ލޭ އޮހުރުވުމަކީ އެއްވެސް ދިވެއްސެއްގެ ހައްގެއް ނޫންކަމަށާއި، ކޮންމެ ބޭނުމެއްގައިނަމަވެސް އެއީ ކުރެވިގެން ވާނެކަމެއްނޫންކަމަށް ވިދާޅުވިއެވެ. އަދި މިއީ، ސީދާ ރައީސް ޔާމީނަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.ރިޔާސީ ލޯންޗުކޮޅުގައި ރައީސް އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާކަމަށާއި، ރައީސް އަވަހާރަކޮށްލަން، ލޯންޗުގައި އެއްޗެއް ގޮއްވާލީ، މޮޅަށް އެކަން ކުރަން ދަންނަ ބަޔަކު ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.