ހުޅުމާލޭ ފޭސް 2 ގައި އެކްސިޑެންޓެއް ހިނގައިފިއެވެ. 
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. 
އެކްސިޑެންޓު ހިނގަން މެދުވެރިވީ ހުޅުމާލެ ފޭސް 2ގެ ނިރޮޅުމަގާ ދިމާލުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުނުވެ ޕާކު ކޮށްފައި އޮތް ކާރެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި ދެ ކާރަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. 
ފުލުހުން ވިދާޅުވީ އެކްސިޑެންޓުވި ކާރު ދުއްވާފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ "އީ" ކެޓަގަރީގެ ނުވަތަ ކާރު ލައިސަންސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ. 
މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:38 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.