ވިޔަފާރި

ޕެސްޓިސައިޑުގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކޮށްފި


ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ޕެސްޓިސައިޑުގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ބޭރުކުރުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަނާކޮށްފިއެވެ. ޕެސްޓިސައިޑަކީ ދަނޑުވެރިކަން ކުރުމުގައި ގަހުގައި އަޅާ ފަނިފަކުސާތަކާއި ތަފާތު ބަލިތަކުން ރައްކާތެރިކޮށްދިނުމަށް ބޭނުންކުރާ ބޭހުގެ ބާވަތްތަކެވެ.

ރާއްޖެ އެތެރެކުރުމާއި ބޭރުކުރުން މަނާކޮށްފައިވަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ޢާއްމުކޮށްފައިވާ "ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓްރީ"ގައި ހިމެނިފައިނުވާ ޕެސްޓިސައިޑުގެ ބާވަތްތަކެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައިވަނީ ޕެސްޓިސައިޑުގެ ރަޖިސްޓްރީ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުންފެށިގެން ރަޖިސްޓްރީގައި ހިމެނިފައިނުވާ ބޭހުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ބޭރުކުރުން ގުޅޭ މުޢާމަލާތްތައް ހިންގުން މަނާވާނެކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ ރަޖިސްޓްރީގައި ނުހިމެނޭ ޕެސްޓިސައިޑުގެ ބާވަތްތައް ރާއްޖެ ގެނައުމަށް އޯޑަރ ކުރުން މަނާވާނެކަމަށެވެ. އަދި ރަޖިސްޓްރީ ޝާއިޢުކުރާތާ ދެމަސް ދުވަސްފަހުން އެތަކެތި އެތެރެކުރުމާއި ބޭރުކުރުން މަނާކޮށްފައިވެއެވެ. އޭގެ ތިން މަސްފަހުން ރާއްޖޭގައި އެތަކެތި ވިއްކުންވެސް މަނާވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އޭގެއިތުރުން ރަޖިސްޓްރީ ޝާއިޢުކުރާތާ ބާރަ މަސް ފަހުން އޭގައި ނުހިމެނޭ ތަކެތި ބޭނުންކުރުން މަނާވާނެކަން މިނިސްޓްރީގެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ޤާނޫނަކީ ޕެސްޓިސައިޑުގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އެތެރެކުރުމާއި، ބޭރުކުރުމާއި، ވިއްކުމާއި، ބޭނުންކުރުމުގެ އިތުރުން ނައްތާލުމާބެހޭ އުޞޫލުތައް ކަނޑައަޅާފައިވާ ޤާނޫނެކެވެ.

މި ޤާނޫނާ ޚިލާފަށް ޢަމަލު ކުރާ ފަރާތްތަކާމެދު ފަސް ހާސް ރުފިޔާ އާއި އެއް ލައްކަ ރުފިޔާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.