މުނިފޫހިފިލުވުން

އައު އަހަރު ފާހަގަކުރުމަށް ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ރާއްޖެއަށް


އައު އަހަރު ފާހަގަކުރުމަށް ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއަށް ޗުއްޓީއަށް އައިސްފައިވަނީ ސިދާތު މަލްހޮތްރާއާއި، ކިއާރާ އަދްވާނީ، އަނަންޔާ ޕާންޑޭ އަދި އިޝާން ކައްޓަރެވެ. މިތަރިންތައް ރާއްޖެ އައިސްފައިވާކަން ހާމަވެފައިވަނީ އެމީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުގައި ހިއްސާކުރި ރީތި ފޮޓޯތަކާއި ވީޑިއޯ ތަކުންނެވެ.

ކިއާރާ އާއި ސިދާތް ސޮނެވާ ފުށީގައި ޗުއްޓީ ހޭދަކުރަމުންދާއިރު ކިއާރާ އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ ރާއްޖޭގެ ރީތި މާހައުލުގައި 2021 ވަނަ އަހަރަށް އިންތިޒާރުކުރަމުންދާކަމަށެވެ. މިދެތަރިން އެކުގައި ރާއްޖެ އައިސްފައިވާއިރު، އިންޑިޔާގެ ގިނަ މީޑިޔާތަކުން ވަނީ އެ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ރިޕޯޓް ކޮށްފައެވެ.

ސިތާދް މަލްހޮތްރާއާއި ކިއާރާއަކީ މިވަގުތު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ތަރިންނެވެ. އެގޮތުން ދެތަރިން އެކުގައި ކުޅެފައިވާ "ޝެހެރްޝާހް" އަންނަ އަހަރުގެ ތެރޭގައި ރިލީޒްވާނެކަމަށް ބެލެވެއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އަނަންޔާ ޕާންޑޭއާއި އިޝާން ކައްޓަރު މިވަގުތު ތިބީ ސަން ޝިޔާމް އިރުވެލި ރިސޯޓުގައެވެ. މިތަރިންވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް އަރާފައިވީނަމަވެސް، މިހާތަނަށް އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

އަނަންޔާ ޕާންޑޭއާއި އިޝާން ކައްޓަރު ވަނީ ރާއްޖޭގެ ހިތްޤާއިމު ގޮނޑުދޮށްތަކުގެ ރީތި ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެގޮތުން އަނަންޔާ ކުރި ޕޯސްޓެއްގެ ކެޕްޝަނުގައި ބުނެފައިވަނީ އޭނާއަކީ "ބީޗް މަންކީއެއް" ކަމަށެވެ.

އަނަންޔާއާއި އިޝާން ބޮލިވުޑަށް ތަޢާރަފުވި ފަހުން ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވެއެވެ. އެގޮތުން އިޝާންގެ "ދަޅަކް" އާއި "އަ ސުއިޓަބަލް ބޯއި" އަކީ ދިވެހިންގެ މެދުގައިވެސް މަޤުބޫލުކަން ހޯދާފައިވާ ފިލްމުތަކެކެވެ. ދެ ތަރިން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ "ޚާލީ ޕީލީ" ކިޔާ ފިލްމަކުންނެވެ.

އާ އަހަރު ފާހަގަކުރުމަށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެ އައިސްފައިވާއިރު، މިދިޔަ ޖުލައިމަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކުވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ރާއްޖެ އައިސްފައެވެ.