ޚަބަރު

ކޯވިޑް-19 : ވައިރަހުގެ އައު ބާވަތް ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑު، ސަމާލުވޭ - ޓެގް


މިމަހުގެ ތެރޭގައި އިނގިރޭސި ވިލާތުން ފުރަތަމަ ފެނުނު ކޯވިޑް-19ގެ އައު ބާވަތް ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންވާ ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ އައު ވޭރިއަންޓް ނުވަތަ ކޮރޯނާވައިރަސްގެ އައު ބާވަތާއި ގުޅޭގޮތުން ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ އިނގިރޭސި ވިލާތުން ފެނުނު ކޯވިޑް-19ގެ އައު ބާވަތް މިހާތަނަށް ދުނިޔޭގެ 21 ޤައަމަކުން ރިޕޯޓްކޮށްފައިވާކަމަށެވެ.

މީގެ ތެރޭގައި ގިނައީ އިނގިރޭސި ވިލާތަށް ދަތުރުކުރި މީހުން ހިމެނޭ ޤައުމުތައްނަމަވެސް އެއްވެސް ދަތުރަކާ ގުޅުމެއްނެތް އެމެރިކާ މީހަކުވެސް އައު ބާވަތަށް މިއަދު ޕޮޒިޓިވްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއާ އެންމެ ގާތުން އިންޑިއާއާއި ޕާކިސްތާނާއި ސިންގަޕޫރު ފަދަ ޤައުމުތަކުން ކޯވިޑް-19ގެ އައު ބާވަތް ފެނިފައިވާކަމަށާއި، މިބައްޔާގުޅޭގޮތުން ޓެސްޓްތަކާއި އިތުރުކަންކަން ބެލިވަރަކުން އިތުރު ތަންތަނުން ފެނުމުގެ ފުރުސަތު އޮތްކަން ޑރ.ނަޒްލާ މުސްޠަފާ ފާހަގަކުރެއްވިއެވެ.

މި ބާވަތަކީ އެކަކުގެ ގައިން އަނެކެއްގެގަޔަށް ތަންކޮޅެއް ފަސޭހައިން ބަލި ފަތުރާ ވައްތަރަކަށްވުމުން ކުރިން 10 މީހުންނަށް ބަލިޖެހުނު ނަމަވެސް މިއައު ވޭރިއަންޓްގައި 15 މީހުންނަށް ބަލިޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން ބޭރު ޤައުމުތަކުން އަންނަ މީހުން ގައިދުރުމުގެ ފިޔަވަޅުތަކަށް ސަމާލުވުމާއި، މާސްކްއެޅުމަށް ފަރުވާކުޑަކޮށްފިނަމަ ދިވެހިންގެ ތެރޭގައިވެސް މި ބާވަތް ފެތުރުމުގެ ފުރުސަތުވަރަށްބޮޑުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މިހާރު އިނގިރޭސިވިލާތަށް ބަލާއިރު އެތަނުގެ ހޮސްޕިޓަލްތައްވަނީ ފުރިފައި. އަސްލު މާލެއަކީ ވަރަށް ތޮއްޖެހިފައި އޮންނަތަނެއް. މިތަނަށް ހަމައެކަނި ޔޫކޭއަކުން ނޫން، އެކިތަންތަނުން ދަތުރުކޮށްފައި މީހުން އެބައާދޭ. ޔޫކޭއިން އަންނަ މީހުން މިވަގުރު ކަރަންޓީންކުރާގޮތަށް އޮތީ ނަމަވެސް އެހެން ޤައުމުތަކުން އަންނަ މީހުންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ 10 ދުވަސްދެން މާސްކް އެޅައިގެން އުޅުމަށާއި، ގޭތެރޭގައި ހައިރިސްކް މީހުން އުޅޭނަމަ ގައިދުރުކަން ބަހައްޓައިގެން އުޅޭން. އަދި އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޓެސްޓްކުރުން މުހިއްމު" ޑރ. ނަޒްލާ މުސްޠަފާ ވިދާޅުވިއެވެ.

މިފަދަ އައުޓް ބްރޭކެއް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ފަހިވާގޮތަށް ޢަމަލުނުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ ދަރިވަރުންނަށް ސްކޫލަށް ނުދެވި ގިނ ދުވަސްތަކެއް ފާއިތުވުމަށްފަހު އަލުން ސްކޫލްތައް ހުޅުވެން ގަތްވެފައިވާ މިދުވަސްވަރު އެފަދަ އައުޓް ބެރޭކަކަށް ގޮސްފިނަމަ އޭގެ ސަބަބުން ދަރިވަރުންގެ ތައުލީމާއި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެކަމަށެވެ.

"ސްކޫލަކީ ހަމައެކަނި ތައުލީމެއްނޫން މިހާރު، ސްކޫލަށް ދިއުމުން ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށްދޭ. އަދި ސްކޫލަށް ނުދިއުމުން ދިމާވާ އިޖްތިމާއީ ބައިވަރުކަންކަން ހުރޭ. އެނގިލައްވާބނެ ވަރަށް ގިނަ ކުދިން މިހާރު ގޭމްކުޅެ އެއަށް އެޑިކްޓްވުމާއި، އެކުދިންގެ އެއޮންނަ ރޫޓިން ތަފާތުވެ ނިދުމާއި އެނޫންވެސް ކަންކަމަށްމިވަނީ ބަދަލުތައް އައިސްފައި. އެހެންވީމަ އަޅުގަނޑުމެން ބޮޑެތި މީހުންގެ ފަރާތުން އަޅުގަނޑުމެން އެދެނީ އައުޓްބްރޭކެއް އަޔަނުދީ ހިފެހެއްޓުމުގެ އެންމެ މުހިއްމުކަމަކީ އަޅުގަނޑުމެންގެ ކުދިން ސްކޫލަށް ދިއުން ހުއްޓުނަ ނުދިނުން. އެއީ ވަރަށް މުހިއްމުކަމެއް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އައު ބާވަތުގެ ސަބަބުން ބަލީގައި އިތުރަށް ސީރިއަސްވާކަމަށް ބެލެވިފައި ނުވިނަމަވެސް ބަލި މީހުން އިތުރުމުންދާ ވަރަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންގެ ޢަދަދު އިތުރުވެގެންދާނެކަމަށާ، ގިނައިން ބަލި ފެތުރޭނަމަ އެޑްމިޓްކުރާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ބަލިން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަތަކަށް އިތުރަށް ސަމާލުވުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19ގެ ސަބަބުން ކެންސަރު ފަދަ ބަލިތައް ދެނެގަނެވޭ މިންވަރުވެސް މަދުވެފައިވާކަމަށާއި ކޯވިޑް-19އާ ގުޅިގެން ޑޮކްޓަރަށް ދެއްކުން ލަސްވުމުގެ ސަބަބުން އެފަދަ ބަލިތަކުގައި ބޮޑުވަރުވާ މީހުން ފާހަގަވަމުންދާކަމަށްވެސް އެޗްއީއޯސީންވަނީ ފާހަގަކުރައްވާފައިވެއެވެ.