ޚަބަރު

ދުވާފަރުގައި ރުޤްޔާގެ ނަމުގައި ޖިންސީ އަނިޔާއާއި ޖިންސީގޯނާކުރި މައްސަލައިގަ ހިމެނޭ މީހުންނަށް ދަޢުވާކޮށްފި


ރ. ދުވާފަރުގައި ރުޤްޔާ ކުރުމުގެ ނަމުގައި އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރުވި އިސްމާޢީލް ވަޙީދާއި، ރުގްޔާކުރުމުގެ ނަމުގައި ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މުޙައްމަދު އަޞީލްގެ މައްޗަށް ދަޢުލަތުން ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދު، މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު 30ވަނަ ދުވަހާއި ހަމައަށް އެކި ދުވަސްމަތިން އޭނާގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓާފައިވާކަމަށެވެ. އަދި އިސްލާޢީލް ވަޙީދު އެގެއަށް ގެނައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލް ކިޔާ މީހަކު ލައްވާ، ރުޤްޔާ ކުރުމޭ ކިޔައިގެން، އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މައްސަލައާއި، އެކަން އިސްމާޢީލް ވަޙީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައިގައި އެނގިހުރެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރުން ސިއްރުކުރި މައްސަލައިގައި އިސްމާޢީލް ވަޙީދުގެ މައްޗަށް 5 ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:
- ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ
- މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުމުގެ ކުށުގެ ދަޢުވާ
- ގައިގާ އަތްލުމުގެ ކުށުގެ 2 ދަޢުވާ
- ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދަޢުވާއެވެ.

މީގެ އިތުރުން ރުޤްޔާ ކުރުމޭ ކިޔައިގެން، އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މުޙައްމަދު އަޞީލްގެ މައްޗަށްވަނީ 7 ދަޢުވާއެއް އުފުލާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ
- ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ
- އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ
- ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ
- ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ
- ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދަޢުވާ

މީގެ އިތުރުން ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލާގައި ޖިންސީ ކުށުގެ ޤާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާކުރިކަން ހާމަކުރައްވައި ޕްރޮސިކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ، ރ. ދުވާފަރުގައި ރުޤްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާކަމަށާއި، ރުހުމާނުލައި ގަޔަށް އަތްލައިގެން "ފަރުވާ" ކުރުމަކީ ދީނުގައިވެސް އަދި ޤާނޫނުތައްވެސް ދަންނަ ކަމެއް ނޫންކަމަށެވެ.