ވިޔަފާރި

އައްޑޫ ސިޓީން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކަށް 45 ފަރާތަކުން ކުރިމަތިލައިފި


އައްޑޫ ސިޓީން ފަތުރުވެރިކަމަށް ބީން ދޫކުރުމަށް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި 45 ފަރާތަކުން ބިޑު ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިމަހުގެ 21 އިން 24 އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ބުރުގައި ބިޑު ހުށަހެޅި ފަރާތްތަކުންވެސް އަލުން ބިޑު ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެފަރާތްތަކުން ބިޑު ފޮތް ގަންނަން ނުޖެހޭނެކަމަށް ކައުންސިލުން ބުނެއެވެ. ފުރަތަމަ ބުރުގައި ޖުމްލަ 60 އަށް ވުރެ ގިނަ ފަރާތްތަކުން ބިޑު ހުށަހެޅިއެވެ. ނަމަވެސް ފަހު ބުރުގައި ބިޑު ހުށެހެޅީ އެންމެ 45 ފަރާތަކުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި މަޝްރޫއުގެ ތެރެއިން ގެސްޓް ހައުސް އަދި ސިޓީ ހޮޓެލް ތަރައްޤީ ކުރުމަށް ހިނގާ މިމަޝްރޫގެ ދަށުން 96 ބިމުގައި 4000 އެނދު ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ގިނަ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫއިންނެވެ. ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން"އިން 30 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުދޫ "ކޭވަށް ބީޗް މާފިޝި ޓޫރިޒަމް ޒޯން"އިން 25 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީދޫ "ކޯގަންނު ބީޗް މުލިމަތި ޓޫރިޒަމް ޒޯން"އިން 16 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. "ފޭދޫ ސަވާ ބީޗް ދިގިހެރަ ޓޫރިޒަމް ޒޯން"އިން 24 ބިން ދޫކުރަން ވަނީ ނިންމާފައެވެ. އަދި މަރަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 10000 އަކަފޫޓުގެ އެންމެ ބިމެކެވެ.

ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުގެ ބީލަން މަރުހަލާ ކުރިއަށްދާއިރު، އެސަރަހައްދުތަކުގެ ލޭންޑްސްކޭޕް މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ވަނީ ކުންފުނިތަކާއި ހަވާލުކޮށްފައެވެ.