ވިޔަފާރި

މިމަހު އެކަނިވެސް 90000އަށް ވުރެގިނަ ފަތުރުވެރިން ރާއްޖެއަށް


މިމަހުގެ މިހާތަނަށް 90000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 90620 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

މިއާއެކު ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 166761 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 549608 އަށް އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު 7628 ފަތުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއަށް އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ.

އޮކްޓޫބަރުމަހު ރާއްޖެއަށް 21515 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ނޮވެމްބަރުމަހު ރާއްޖެއަށް ވަނީ 35759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެހެންކަމުން އޮކްޓޫބަރުމަހާ އަޅާބަލާއިރު ނޮވެމްބަރުމަހުގެ ތެރޭގައި ރާއްޖެއަށް 14244 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޑިސެމްބަރުމަހު ރާއްޖެއަށް 90000އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް އެވްރެޖްކޮށް މިހާރު ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 3000 އަށްވުރެ މައްޗަށް އަރާފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 1192 ފަތުރުވެރިންނެވެ.

ރާއްޖޭ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު މިހާރުވަނީ 30000 އަށް ވުރެ މައްޗަށް އަރާފައެެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ރަޝިޔާއިން މިހާތަނަށް 31187 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 26945 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން މިހާތަނަށް 19345 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.