ވިޔަފާރި

އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން އަހަރީ ފީ ސްޓިކަރ އޮންލައިންކޮށް ލިބޭނެ


އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކަރ އޮންލައިންކޮށް ލިބޭނެ އިންތިޒާމް މީރާއިން ހަމަޖައްސައިފިއެވެ.

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރުމަށް އައު ސްޓިކަރއެއް ތައާރަފުކޮށްފައިވާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކަރ ލިބޭނެކަމަށް މީރާއިން ހާމަކުރެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކަރ ދޫކުރާނީ އީމޭލް މެދުވެރިކޮށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓްކުރެވޭނެ ގޮތަށެވެ. މީގެ އިތުރުން، މީރާއިން މައުލޫމާތުދޭ ގޮތުގައި، އެއްގަމު އުޅަނދުގެ އަހަރީ ފީ އެއޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށްވެސް ޕްރިންޓްކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އޮންލައިން ސްޓިކަރކަމަށް މީރާއިން ހާމަކުރެއެވެ.

އެހެންނަމަވެސް، މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ދައްކާފައިވާ ވެހިކަލް ފީ އަކާއި ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކަރ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

އަހރީ ފީ ސްޓިކާއަށް މި ގެނެވުނު ބަދަލާއެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވުމުގެ އިތުރަށް، ސްޓިކާގައިވާ ކިއު އާރު ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްޚަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެކަމަށްވެސް މީރާއިން ދެކެއެވެ.