ޚަބަރު

މާދަމާއިން ފެށިގެން 3 ދުވަހަށް އެމްއައިބީ ބަންދުވާނެ


މާދަމާއިން ފެށިގެން 3 ދުވަހަށް މޯލްޑިވްސް އިސްލާމިކް ބޭންކް ބަންދުވާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

ކޮންމެ އަހަރެއްގެވެސް އެންމެ ފަހު ދުވަހަކީ އޮޑިޓްކުރުމަށް، ރަސްމީކޮށް ބޭންކްތައް ބަންދުކުރާ ދުވަހެކެވެ.

މިއަހަރުގެ އެންމެފަހު ދުވަހަކީ ބުރާސްފަތި ދުވަހަށްވުމާއެކު ވިދިގެން އަންނަ ހުކުރު އަދި ހޮނިހިރު ދުވަސްވެސް ބޭންކް ބަންދުވާނެކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.

އޮޑިޓް ކުރުމަށް ބޭންކް ބަންދުކުރި ނަމަވެސް، ބޭންކުން އޮންލައިންކޮށް ދެމުން އަންނަ ހުރިހާ ހިދުމަތެއް 24 ގަޑިއިރުދެމުން ގެންދާނެކަމަށް ބޭންކުން މައުލޫމާތުދެއެވެ. އަދި އޭޓީއެމްތަކުން ހޯދާ ޚިދުމަތްތައް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެކަމަށްވެސް އެމްބީއައިއިން މައުލުމާތުދެއެވެ.

ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު އޮޑިޓް ކުރުމަށް އެމްބީއައި ބަންދުކުރާއިރު، ހުކުރު އަދި ހޮނިހިރު ދުވަހަށްފަހު ބޭންކުގެ ޚިދުމަތް އަލުން ދޭންފަށާނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.

އެމްއައިބީގެ އިތުރުން، ބީއެމްއެލްވެސް މާދަމާ ބަންދުވާނެކަމަށް އެބެންކުން ވަނީ ހާމަކޮށްފައެވެ.