ޚަބަރު

ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އައު ސަފީރު ފަތްކޮޅު އަރުވައިފި


ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ސަފީރު ޝިރުޒިމަތު ސަމީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް އެމް.ޑީ ޢަބްދުލް ހަމީދަށް އަރުވައިފިއެވެ.

ޝިރުޒިމަތު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސްއަށް އަރުވާފައިވަނީ އެކަމަށްޓަކާ ބަންގްލަދޭޝްގެ ރައީސްގެ ރަސްމީގެކޮޅު ބަންގަބަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު ބަންގްލަދޭޝްގެ ރައީސް އެމް.ޑީ ޢަބްދުލް ހަމީދު ވަނީ، ދިވެހިރާއްޖެއިން އެ ޤައުމަށް ކަނޑައެޅުއްވި ސަފީރު ޝިރުޒިމަތާއި ބައްދަލުކުރައްވާ، އެކަމަނާއަށް މަރުހަބާ ދަންނަވާފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގައި ބަންގްލަދޭޝްއާއި ރާއްޖޭގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްއާއި ރާއްޖެ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތްކުރުމާގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ބަންގްލަދޭޝްގެ ރައީސް ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުން އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. ހަމައެހެންމެ ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުންވެސް ދެ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޝިރުޒިމަތު ސަމީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޢައްޔަނުކުރައްވާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ޝިރުޒިމަތު ސަމީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމެވެ.

އެކަމަނާ ވަނީ މީގެ ކުރިން މޯލްޑިވްސް އެމްބަސީ އިން ޖަރމަނީގެ މިނިސްޓަރ ކައުންސެލަރގެ މަޤާމުވެސް ފުރުއްވާފައެވެ. ޝިރުޒިމަތު ސަމީރުއަކީ މާސްޓަރސް އޮފް ސޯޝަލް ސައިންސްއާއި، ބެޗެލަރ އޮފް އަރޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.