ވިޔަފާރި

އެންމެ ހިތްގައިމު ޖަޒީރާ މަންޒިލްގެ އެވޯޑު ރާއްޖެއަށް


އިންޓަނޭޝަނަލް ޓްރެވަލް އެވޯޑްސްގެ މިއަހަރުގެ އެންމެ ހިތްގައިމު ޖަޒީރާ މަންޒިލްގެ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

އިންޓަނޭޝަނަލް ޓްރެވަލް އެވޯޑްސް އިންތިޒާމްކޮށްފައިވަނީ ކޭ.އެސް.އޭ ޓޫރިޒަމް މާކެޓިންގ އެންޑް ޕީ.އާރް ކޮމްޕެނީގެ ފަރާތުންނެވެ. މި ކުންފުންޔަކީ ދުނިޔޭގެ ފެންވަރުގައި 5000 ގްލޯބަލް ފަތުރުވެރިކަމުގެ ބްރޭންޑް އިޝްތިހާރު ކުރުމުގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޔެކެވެ.

އަދި މިއީ ފަތުރުވެރިންގެ އިތުރުން މި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލުކަން ހޯދައިފަވާ ކުންފުންޏެކެވެ. މިގޮތުން މިއެވޯޑްތަކަށް ނޮމިނޭޓް ވެފައިވާ މީހުންނަށް 100000އަށް ވުރެ ގިނަ ފަތުރުވެރިން އަދި މި ދާއިރާގެ މާހިރުން ވޯޓް ލާފައިވެއެވެ.

މި އެވޯޑުގެ ފަނޑިޔާރުކަން ކުރައްވާފައިވަނީ އެކިއެކި ދާއިރާއިން ހުނަރާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. މިޓީމުން ވަނީ ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ފަރުވާތެރިކަމާއެކު، އެވޯޑަށް ނޮމިނޭޓްވި ކޮންމެ ފަރާތެއްވެސް މުރާޖާކޮށް ބަލައި ފާސްކޮށްފަ އެވެ. ކޮންމެ އަހަރަކުވެސް މި އެވޯޑްތައް ލިބޭ ފަރާތްތަކަށް އިސްތިހާރު ކުރުކުރުމުގެ އެތަކެއް ފުރުސަތުތަކެއް ހުޅުވެއެވެ.

މި އެވޯޑު ރާއްޖެއަށް ލިބުމާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވަނީ މިިފަދަ އެވޯޑުތަކަކީ ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީގެ ހެކިތަކެއްކަމަށް ވިދާޅުވެފައެވެ.

" އަޅުގަނޑުމެންގެ ޓީމުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް ދަނީ ދިވަހިރާއްޖެއަކީ އެންމެ ރައްކާތެެރި އަދި މަޤުބޫލް މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރަމުން. އަދި މިފަދަ އެވޯޑްތަކަކީ އަޅުގަނޑުމެން މިކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީގެ ހެއްކެއް." ޠައްޔިބު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ދަނީ ދިވެހި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އެންމެ ބޮޑެތި މާކެޓްތަކުގައި ރާއްޖެ އިސްތިހާރުކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފަތުރުވެރިންނަށް ރާއްޖޭގައި ކުރެވެންހުރި ތަޖުރިބާތައް ދައްކާލުމަށް އެތަކެއް މާކެޓިންގ ޙަރަކާތްތަކަކާއި ކެމްޕޭންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އެޅިފައިވާ ހަރުދަނާ ރައްކާތެރި ފިޔަވަޅުތަކުގެ ސަބަނުން ރާއްޖެއިން ވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބައިވަރު އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

ރާއްޖެއިން ވަނީ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީންވެސް 4 އެވޯޑެއް ކާމިޔާބުކޮށްފައެވެ. އެއީ އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން،
އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.