ޚަބަރު

އައު އަހަރުގެ ފުރަތަމަ ދުވަހު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި


އައު އަހަރުގެ ފުރަތަމަ ދުވަހު ހަވީރު 16:00އިން ރޭގަނޑު 20:00އަށް ފައިމަގުގައި އުޅޭގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވަނީ މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި އެކަންޏެވެ.

މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އާ ގުޅިގެން ފުރަބަންދުވެ، ދަތި ތަކާއި ކުރިމަތިވެފައިވާތީ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމުގެ ބޭނުމުގައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މި ވަގުތުތަކުގައި ސަލާމަތި ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، އެމްބިއުލާންސާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަ ކޮށްފައިވާ ސައިކަލް، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތް އަދި އެ ވަގުތުތަކުގައި ދުއްވުމަށް ހުއްދަ ދެވޭ އުޅަނދުތައް ދުއްވޭނެ ކަމަށެވެ. އަދި މި އުޅަނދުތައް ފިޔަވައި އެހެން އުޅަނދު މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ޖެނުއަރީ ފުރަތަމަ ދުވަހު ހަވީރު 16:00އާއި ރޭގަނޑު 20:00އާ ދެމެދު ހުއްދަނެތި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވާ މީހުންނާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެދަށުން ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.