ޚަބަރު

ރިޝްވަތުގެ ގޮތުގައި ނިހާން، ރޮލެކްސް ގަޑިއެއް ހޯއްދަވާފައިވާކަން ތަޙްޤީޤީ އިދާރާތަކުން ހާމަކޮށްފި


ޕްރޮސެކިއުޓަރ ޖެނަރަލަކު ޢައްޔަންކުރުމަށާއި މަޖިލީހުން ޖޭއެސްސީއަށް މެންބަރަކު ޢައްޔަންކުރުމަށް 2014ވަނަ އަހަރު ނެގި ވޯޓާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެމެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ރިޝްވަތުގެ ގޮތުގައި ރޮލެކްސް ގަޑިއެއެއް ހޯއްދަވާފައިވާކަމަށް ތަހްޤީގީ އިދާރާތަކުން ހާމަކުރައްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާގުޅިގެން ނިހާނުގެ މައްޗަށް 6 ދަޢުވާއެއްކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކްރިމިނަލްކޯޓަށް ހުށަހަޅާފައިވެއެވެ. ރިޝްވަތު ހިފުމުގެ ކުށުގެ 3 ދަޢުވާއެއް ނިހާންގެ މައްޗަށް ވަނީ ކޮށްފައެވެ. މީގެތެރޭގައި ހިމެނޭ އެއް ދަޢުވާގައިވަނީ 2014ވަނަ އަހަރު ޕީޖީއަކު ޢައްޔަން ކުރުމަށާއި މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އަރިހު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ދެއްވި ރޮލެކްސް ބްރޭންޑްގެ ގަޑި ނިހާން ބަލައިގަނެފައިވާކަމަށެވެ.

ނިހާނުގެ މައްޗަށްކުރި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާއަކީވެސް ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދެއްވުމަށް އަދީބު އަރިހުން އެދިފައިވާތީ ކޮށްފައިވާ ދަޢުވާއެކެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އަޙްމަދު ނިހާން ޙުސައިން މަނިކު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ދެއްވި ރިޝްވަތުގެ ފައިސާ ހިފައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙުޤީޤަށް އެނގޭކަމަށެވެ. އަދި ނިހާނަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014އިން ފެށިގެން 2019އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.