އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް 6 ދަޢުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގި ޚިޔާނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގގެ ކުށްތަކާ ގުޅިފައިވާ ފައިސާ ނިހާނަށް ލިބުނު މައްސަލަ ތަޙުޤީޤުކުރުމަށްފަހު، ނިހާންގެ މައްޗަށް 6 ދަޢުވާއެއް ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އަޙްމަދު ނިހާން ޙުސައިން މަނިކު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރިޝްވަތުގެ ފައިސާ ހިފައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙުޤީޤަށް އެނގޭކަމަށެވެ. އަދި ނިހާންއަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
މި މައްސަލާގައި ޕީޖީ އޮފީހުން ވަނީ އަޙްމަދު ނިހާން ޙުސައިންމަނިކު ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ.
މިމައްސަލާގައި ހުށަހެޅި ހެކިތަކާއި ޤަރީނާއަށް ރިޢާޔަތްކޮށް އަޙްމަދު ނިހާން ޙުސައިންމަނިކުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދަޢުވާއާއި މަނީ ލޯންޑަރިންގގެ ކުށުގެ ދަޢުވާގެ އިތުރުން ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެވެ.
ރިޝްވަތު ހިފުމުގެ ކުށުގެ ފުރަތަމަ ދަޢުވާއަ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒުފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު މެދުވެރިވެގެން އެސް.އޯ.އެފުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީއެވެ.
ރިޝްވަތު ހިފުމުގެ ކުށުގެ ދެވަނަ ދަޢުވާއަކީ 2014ވަނަ އަހަރު ޕީޖީއަކު ޢައްޔަން ކުރުމަށާއި، މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ގާތު އެދުމުން، މ.ވިލާދަށުގެ މުޙައްމަދު މަނިކު މެދުވެރިކޮށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީއެވެ.
ރިޝްވަތު ހިފުމުގެ ކުށުގެ 3ވަނަ ދަޢުވާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، މެންބަރުކަމުގެ ޙައިޞިއްޔަތުން އަދާ ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބް އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި، ހަ ސަތޭކަ ފަންސާސް ހާސް ރުފިޔާ ދިނުމަށް އަދީބު ގާތު އެދުމުން، އެ ޢަދަދަށް އަދީބު ފައިސާ ދިނުމުން އެ ފައިސާގައި ހިފާފައިވާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ނިހާނުގެ މައްޗަށްކުރާ މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއަކީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ހައިސިއްޔަތުން، އަދީބުދޭ ފައިސާއަކީ ކުށްކޮށްގެންހޯދާފައިވާ ފައިސާއެއްކަން ނިހާނަށް ޝައްކުކުރެވެންޖެހޭ ޙާލަތުގައި، އަދީބމެދުވެރިވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަތުމުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާތަކަކީ، 2014ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުރި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދިފައިވާތީ.
ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާއަކީ 2014 ވަނަ އަހަރު ޕީޖީއަކު އައްޔަން ކުރުމަށާއި، މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ގާތު އެދުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި 650،000 (ހަ ސަތޭކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގާތު އެދިފައިވާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.