ޚަބަރު

ލައިސަންސް ކާޑުގެ ބަދަލުގައި ދެން ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭނެ: އިމިގްރޭޝަން


ލައިސަންސް ކާޑުގެ މައުލޫމާތު ބެލުމަށް ޕާސްޕޯޓް ކާޑު ބޭނުންނުކުރެވޭ ގޮތަށް އިމިގްރޭޝަންއިން ނިންމައިފިއެވެ.

އިިމިގްރޭޝަނުން ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ޕާސްޕޯޓް ކާޑާބެހޭ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާގޮތުން މީގެ ކުރިން ލައިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުންކުރިޔަސް، މިއަދުން ފެށިގެން އެޚިދުމަތް ހޯދުމަށް ޕާސްޕޯޓް ކާޑު ބޭނުމެއް ނުކުރެވޭނެއެވެ.

ޕާސްޕޯޓު ކާޑަކީ އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ ފަރާތްތަކަށާއި، މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުވެ، ކާޑުގައި ހިމެނުމަށް އިނގިލީގެ ނިޝާން އިލެކްޓްރޯނިކްކޮށް ދެވޭނެ ފަރާތްތަކަށް ދޫކުރާ ކާޑެކެވެ. މި ޕާސްޕޯޓު ކާޑު ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ނުވަތަ ކަނޑުގެ ބަނދަރަކުން ފުރައިގެން ދިއުމަށާއި، ރާއްޖެ އެތެރެވުމަށް ބޭނުން ކުރެވޭނެކަމަށް އިމިގްރޭޝަން އިން ވަނީ ކަނޑައަޅާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑާއި، ޕްރިޕެއިޑް ކާޑުން ލިބޭ ޚިދުމަތްތައް ހޯދުމަށާއި، އެލައިޑް އިންޝުއަރެންސްގެ ޚިދުމަތްތައް ހޯދުމަށާއި، ދިވެހި ރައްޔިތެއްކަން ދެނެގަތުމަށް ނުވަތަ ކާކުކަން ދެނެގަތުމަށްވެސް މި ކާޑު ބޭނުންކުރެވޭނެއެވެ.

އިލެކްޓްރޯނިކް ޕާސްޕޯޓު އޮންނަ ފަރާތްތަކުގެ އަތުގައި ޕާސްޕޯޓު ކާޑު އޮތްނަމަވެސް ރާއްޖެއިން ބޭރަށް ދަތުރު ކުރާނަމަ އެފަރާތަކަށް ދޫކޮށްފައިވާ ދިވެހި ޕާސްޕޯޓު އޮންނަން ވާނެކަމަށް އިމިގްރޭޝަންއިން ވަނީ އަންގަވާފައެވެ. ޕާސްޕޯޓު ކާޑު އޮންނަ ފަރާތެއްގެ ޕާސްޕޯޓު ކެންސަލް ކުރެވިއްޖެނަމަ ޕާސްޕޯޓް ކާޑުވެސް ކެންސަލް ކުރެވޭނެކަމަށް އިމިގްރޭޝަންއިން މައުލޫމާތުދެއެވެ. އަދި މިގޮތަށް ޕާސްޕޯޓު ގެއްލިއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެނަމަވެސް ޕާސްޕޯޓު ކާޑު ކެންސަލް ކުރެވޭނެކަމަށް ވަނީ އަންގާފައެވެ.

ޕާސްޕޯޓް ކާޑަކީ ސެކިއުރިޓީ ފީޗަރސް ވަރުގަދަ، އޭގެ ވެރިފަރާތުގެ ހުރިހާ މަޢުލޫމާތެއް ހިމެނޭ ކާޑެކެވެ. ޓެކްނޮލޮޖީއާއެކު ބަދަލުވަމުން އަންނަ ކަންތައްތަކުގެ ތެރެއިން ދިވެހިންގެ ތެރެއަށް 2017 ވަނަ އަހަރު ތައާރަފްކުރި ޕާސްޕޯޓް ކާޑަކީ ފުލީ ކާރބަން މެޓީރިއަލް އިން ތައްޔާރުކޮށްފައިވާ ކާޑެކެވެ.

މިއަދު ގެނައި އިސްލާޙާއެކު މަލްޓިޕާޕަސް ކާޑެއްގެ ގޮތުގައި ބޭނުންކުރަމުން އައި ޕާސްޕޯޓު ކާޑު މެދުވެރިކޮށް ހޯދޭ ޚިދުމަތްތަކުގެ ތެރެއިން އުނި ކޮށްފައިވަނީ ހަމައެކަނި ލައިސަންސް ކާޑުގެ ޚިދުމަތްތައް ހޯދުން އެކަންޏެވެ. އިމިގްރޭޝަންއިން ދޫކުރާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް އިތުރު ޚިދުމަތް ލިބޭގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު އެ އިދާރާއަށް ލިބިގެންވެއެވެ.