ޚަބަރު

ހުޅުމާލޭ ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢުގެ ދަށުން 16 ގްރޫޕަކަށް ޕްލޮޓްތައްދީފި


ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ އަރބަން ފާމިންގ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ދަނޑުވެރިކަން ކުރަން ހުޅުވާލި ފުރުޞަތަށް ކުރިމަތިލީ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިފިއެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް 3 ގިންތިއަކުން ގުރު ނަގާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއެވެ. މީގެ ދަށުން 3 ދަނޑުވެރިން ހިމެނޭ 16 ގްރޫޕެއް ހޮވާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެނުންނަށް ޚާއްސަ ކެޓަގަރީން 6 ގުރޫޕު ހޮވިފައިވާއިރު ޒުވާނުން އަދި ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށް ޙާއްޞަ ކެޓަގަރީން 5 ގްރޫޕް ވަނީ ހޮވާފައެވެ. އަދި އެހެނިހެން ކެޓަގަރީގޮތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިންވެސް 5 ގުރޫޕު ހޮވާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީއިން ވިދާޅުވީ މި ޕްރޮގްރާމަށް ހޮވުނު ފަރާތްތަކުގެ މަޢުލޫމާތު އެކޯޕަރޭޝަންގެ ވެބްސައިޓުގައި ހުންނާނެކަމަށެވެ.

ކޮމިއުނިޓީ އަރބަން ފަރމިންގ ޕްރޮޖެކްޓަކީ އެޗްޑީސީއާއި ޔޫއެންޑީޕީއާއި އެގްރިކަލްޗަރ މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުސަދަކީ ރަށުގައި ތިބެގެން މަންފާ ހޯދޭނެ މަގު ފަހިކޮށްދިނުމެވެ. މީގެ އިތުރުން ކޮވިޑް19ގެ ސަބަބުން މާލީގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުމަކީވެސް މިޕްރޮގްރާމްގެ މަޤްސަދުތަކުގެތެރޭ ހިމެނޭކަމެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.