ކުޅިވަރު

މިހާރު ދިމާވެފަ މިއޮތީ ޗެލްސީއަށް އުނދަގޫހާލަތެއް: ލަންޕާޑް


މިހާރު ޗެލްސީއަށް ދިމާވެފަވަނީ ވަރަށް އުނދަގޫ ހާލަތެއް ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަންޕާޑު ބުނެފިއެވެ.

ރޭ ލީގުގައި އަމިއްލަ ދަނޑުގައި އޮސްޓެންވިލާ އަތުން 1-1 ލަނޑުން އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ލަންޕާޑު ބުނީ މެޗުގައި ރަނގަޅު ފުރުސަތު ތަކެއް ޗެލްސީއިން ހޯދި ނަމަވެސް އިދިކޮޅުން ކުޅުނީ ވަރަށް މޮޅު ޓީމެއް ކަމަށެވެ. އޭނާ ބުނީ ވިލާއިން ލަނޑު ޖެހުމުގެ ކުރިން ބޯޅަ ކުޅުންތެރިޔެއްގެ އަތުގައި ޖެހުނު ކަމަށާއި އެމަންޒަރު ރޮނގުބަލަހައްޓަން ހުރި ލައިންސްމަނަށް ރަނގަޅަށް ފެންނާނެކަމަށެވެ. މެޗުގައި އުނދަގޫ ހާލަތުގައި އޮންނައިރު ބައެއް ފަހަރު ރެފްރީންގެ ނިންމުތައް އިދިކޮޅަށްދާކަމަށް ވެސް ލަންޕާޑު ބުންޏެވެ.

މެޗުން މޮޅެއް ހޯދުން ފިޔަވާ ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށާއި މި ނަތީޖާއެކު ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތި ވެފައިވާކަމަށް ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ. ލީގު ހޯދުމުގެ ރޭހުގައި ކުރިން އޮތް ނަމަވެސް މިހާރު އެފުރުސަތު ހަނިވެފައިވާކަމަށާއި މިއީ ކުލަބަށް ދިމާވެފައިވާ އުނދަގޫ ހާލަތެއްކަމަށް ޗެލްސީގެ ކޯޗު ބުންޏެވެ.

މިހާލަތުން އަރައިގަތުމަށް ޓީމުން ވަރަށް ވަރުގަދައަށް މަސައްކަތް ކުރަން ޖެހިފަވާކަމަށް ލަންޕާޑު ބުންޏެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ކުޅުންތެރިން ތިބީ މާޔޫސްވެފަ ކަމަށާއި ކުޅުންތެރިން ތިބީ ކާމިޔާބުހޯދަން ބޭނުންވެފައިކަމަށެވެ. ލަންޕާޑު ބުނީ ކުރިޔަށް ހުރި މެޗުތަކަގައި މަސައްކަތް ކުރާނީ ރަނގަޅު ކުޅެމެއްދައްކައި، ނަތީޖާއެއް ހޯދަން ކަމަށެވެ.

ލީގުގައި ޗެލްސީ އޮތީ 16 މެޗުން ހޯދި 26 ޕޮއިންޓާއެކު 6 ވަނައިގައެވެ.