ކުޅިވަރު

ލެސްޓަރ ސިޓީ އާއި ޗެލްސީ އެއްވަރު


އިނގިރޭސި ލީގުގައި ރޭ ލެސްޓަރ ސިޓީ އާއި ޗެލްސީ އެއްވަރުވެއްޖެއެވެ.

ލެސްޓަރ ރަށުން ބޭރުގައި އެއްވަރުވީ ކްރިސްޓަލް ޕެލެސްއާ ވާދަކޮށް 1-1 ލަނޑުންނެވެ. ޗެލްސީ އަމިއްލަ ދަނޑުގައި ކުޅެ އެއްވަރުވީ އެސްޓަން ވިލާއާއި ވާދަކޮށް 1-1 ލަނޑުންނެވެ. ލެސްޓާ އިން ރޭގައި މެޗު ޕެލެސްއާ ދެކޮޅަށް ނުކުތީ އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ޓީމުގެ 8 ކުޅުންތެރިން ބަދަލުކޮށްގެންނެވެ.

މެޗުގެ ފުރަތަމަހާފްގެ ކުރީ ކޮޅު ލެސްޓާއަށް ކުރި ހޯދަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޭނުން ހިފޭގޮތްވަނީ ނުވެފައެވެ. ލެސްޓަރގެ ކެލެޗީ އިލެނަޗޯ ޖެހި ޕެނެލްޓީ ޕެލެސްގެ ކީޕަރު ވިސެންޓް ގުއަޓިއާ ވަނީ ދިފާއުކޮއުކޮށްފައެވެ. ވިލްފްރެޑް ޒަހާގެ ލަނޑުން ޕެލެސް ކުރިހޯދާފަ ވަނިކޮށް ލެސްޓާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ހާވިއޭ ބާންސްއެވެ.

ރޭގައި ޒަހާ ޖެހި ލަނޑާއެކު އޭނާ މިސީޒަންގެ ޖެހި ލަނޑު އަދަދުވަނީ 8 އަށް އަރާފައެވެ. މިއީ އޭނާ ޕެލެސްއަށް ކުޅުނު 200 ވަނަ މެޗެވެ. ވޭތުވެދިޔަ 9 އަހަރުވެސް އަހަރު ލެސްޓާއިން ނިންމާލީ އެންމެފަހު މެޗުގައި މޮޅެއް ނުހޯދިއެވެ.

ރޭ ލީގުގައި އަމިއްލަ ދަނޑުގައި ޗެލްސީވެސް ނުކުތީ ބަދަލުތަކާއެކުއެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހއި ކުރި ހޯދީ ޗެލްސީއިންނެވެ. ފުރަތަމަ ހާފްގައި ބެންޖަމިން ޗިލްވެލް ދިން ބޯޅައަކުން ބޮލުން ޖަހައި ގޯލްތެރެއަށް ވައްދާލީ އޮލިވަރ ޖިރޫޑްއެވެ. މިއީ 2012 ވަނައަހަރު ޖިރޫޑް ޕްރިމިއަރ ލީގާ ގުޅުނު ފަހުން ބޮލުން އޭނާ ކާމިޔާބު ކުރި 32 ވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފްގައި ވިލާއަށް ނަތީޖާ ހަމަހަމަ ކޮއްދިނީ އަންވަރު އެލްގާޒީއެވެ. ރޭގައި ޖިރޫޑް ޖެހި ލަނޑާއެކު އިނގިރޭސި ލީގުގައި ފްރާންސްގެ ތިންވަނައަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފް ޖިރޫޑްއަށް ވަނީ ލިބިފައެވެ. އެއީ 89 ލަނޑާއެކުއެވެ. މި ލިސްޓުގެ ދަވަނަގައިވާ ނިކޮލަސް އަނެލްކާއަށް ޖަހާފައިވަނީ 125 ލަނޑެވެ. ލިސްޓުގެ އެއްވަނައިގަވާ ތިއެރީ ހެންރީވަނީ 175 ލަނޑުޖަހާފައެވެ.

ޖިރޫޑް ވަނީ އެންމެފަހުން ޗެލްސީގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު ފަސް މެޗުގައި 7 ލަނޑު ކާމިޔާބުކޮށްފައެވެ. އެސްޓަން ވިލާއާ ދެކޮޅަށް އެންމެފަހުން ޖިރޫޑް ކުޅުނު 10 މެޗުގައި އޭނާ ވަނީ 10 ލަނޑު ކާމިޔާބުކޮށްފައެވެ. ލީގުގައި އަމިއްލަ ދަނޑުގައި އެންމެފަހުން ކުޅުނު 14 މެޗުގެ ތެރެއިން ޗެލްސީ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. މިމަހުގެ ފަސްވަނަ ދުވަހު ލީގުގެ އެއްވަނައިގަ އޮތް ޗެލްސީ އެންމެފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން މޮޅުވެފަވަނީ އެންމެ މެޗަކުންނެވެ. އެންމެފަހުން ލީގުގައި ރަށުން ބޭރުގައި ވިލާއިން ކުޅުނު 9 މެޗުގެ ތެރެއިން އެޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

ރޭގެ ނަތީޖާއެކު ލެސްޓާ ދެވަނައިގަ އޮތީ 16 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގަވާ އެވެންޓަން ވެސް ވަނީ 15 މެޗުން ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިފައެވެ. ޗެލްސީ އަތުން ހޯދި ޕޮއިންޓާއެކު އެސްޓެން ވިލާ ވަނީ ޗެލްސީ ފަހަތަށް ޖަސައްލާ ލީގުގެ ފަސްވަނައަށް ޖެހިލާފައެވެ. 26 ޕޮއިންޓް ދެ ޓީމަށް ވެސް ލިބިފަވާއިރު ވިލާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.