ޚަބަރު

ދިވެހިރާއްޖޭގެ އަޑު - ދިވެހިންނާއެކު ދެގޮތެއްނުވެ 58 އަހަރު


ދިވެހިންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ޒަމާނުއްސުރެ ދިވެހިން ބަލައިގެންފައިވާ ދިވެހިރާއްޖޭގެ އަޑަށް 58 އަހަރު ފުރިއްޖެއެވެ. މީގެ 58 އަހަރުކުރިން ދިވެހިންނަށް ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފުރަތަމަ ދޭންފެށީ އެންމެ 4 މިނިޓަށެވެ. އެހެންނަމަވެސް ޚިދުމަތުގައި މިއަދު ދިވެހިރާއްޖޭގެ އަޑުން އަންނަނީ ފޫހިކަމެއް ނެތި 24 ގަޑިއިރަށް ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެމުންނެވެ.

އެންމެ ފުރަތަމަ ބްރޯޑްކާސްޓިންގ ދާއިރާއަށް ރާއްޖެ ވަދެގެންއައީ 1962 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޝަނުންނެވެ. އެންމެ ފުރަތަމަ އެންމެ 4 މިނިޓު 2 ސިކުންތަށް މިޚިދުމަތް ފަށާފައިވަނީ އެދުވަހުގެ މެންދުރު 2 ޖެހިއިރުއެވެ. ފުރަތަމަ ޚިދުމަތް ފެށީ މާލޭ ރޭޑިއޯގެ ނަމުގައެވެ. އާދައިގެ ކުޑަ ރޭޑިއޯ ޓެލެފޯން ސެޓެއް ޓްރާންސްމީޓަރެއްގެ ގޮތުގައި ބޭނުންކޮށް ފެށި ޚިދުމަތް، ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތުން 1965 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި 16 ގަޑިއިރު ޚިދުމަތްދޭން ފެށިއެވެ. މިފެންވަރަށް މަސައްކަތްދިޔައީ އިތުރު 3 ޓްރާންސްމީޓަރު މެދުވެރިކޮށެވެ.

އެކި ދުވަސްވަރު އެކި ނަންނަމުގައި ދެމުންއައި ދިވެހިންގެ އެންމެ ގާތް އެކުވެރި ރޭޑިއޯގެ ނަން ދިވެހިރާއްޖޭގެ އަޑަށް ބަދަލުކޮށްފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ޚިދުމަތް މުޅި ރާއްޖެއަށް ނުލިބުނުނަމަވެސް ޚިދުމަތް ފުޅާކުރުމަށް ކުރަމުން އައި އެކި މަސައްކަތްތަކުގެ ދަށުން ދިވެހިރާއްޖޭގެ އަޑު މުޅި ރާއްޖެއަށް ލިބެން ފެށީ 1981 ވަނަ އަހަރުއެވެ. އަދި 24 ގަޑިއިރު ޚިދުމަތުގައި ދިވެހިރާއްޖޭގެ އަޑު ފޯރުކޮށްދޭން ފަށާފައިވަނީ 2005 ވަނަ އަހަރުއެވެ.

ގޭތެރެ ފަޅު ފިލުވައިދިނުމުގައި ދިވެހިރާއްޖޭގެ އަޑަކީ އަދިވެސް ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. ދީނީ މަޢުލޫމާތާއި ޚަބަރާއި ތަޢުލީމު އުނގަންނައިދިނުމާއި، ޢާންމުން ހޭލުންތެރިކުރުވުމާއި، ކުޅިވަރާއި މުނިފޫހިފިލުވުން ފަދަ ރޮނގު ރޮނގުން ދިވެހިރާއްޖޭގެ އަޑުން އަންނަނީ ޤައުމަށް ޚިދުމަތްކުރައްވަމުންނެވެ. ޤައުމަށް ދިމާވި އެކި ކާރިސާތަކުގައި ދިވެހިރާއްޖޭގެ އަޑު ވެފައިވަނީ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިއްމު ބައިވެރިއަކަށެވެ. ދިވެހިރާއްޖޭގެ އަޑުގެ އަމާޒަކީ ދިވެހި ރައްޔިތުންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ޚިދުމަތުގައި ދެމިތިބުމެވެ. އެގޮތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވޭތުވެދިޔަ 58 އަހަރު ތެރޭގައި އަޑުންވަނީ ސާބިތުކޮށްދީފައެވެ.