ޚަބަރު

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ދަރަނި ދެއްކުން ފަސްކުރުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކުރަނީ


ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މި އެކްސްޗޭންޖް އޮފް ނޯޓްސްގެ ސަބަބުން، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވެ، ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި ފިނޭންސް މިނިސްޓްރީން ސޮއިކުރައްވާފައިވާއިރު އޭގެތެރޭގައި ޖަޕާންވެސް ހިމެނެއެވެ.

އެމް.އޯ.ޔޫއަށްފަހު މިއަދު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވި، އަންނަ އަހަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމާއެކު ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ދަރަނި ދެއްކުން ފަސްކުރުމާ ގުޅޭ އެއްބަސްވުން ޤާއިމްކުރެވިގެންދާނެއެވެ.

މިއަދު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ އިތުރުން ޖައިކާގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.