ޚަބަރު

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާގެ ޚާއްސަ ޒިޔާރަތެއް


ދިވެހިރާއްޖޭގެ އަޑުގެ 58ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ގެނެސްދޭ "ބާއްޖަވެރި ހެދުނެއް"ގެ ޚާއްސަ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:15ގައެވެ.

ދިވެހިރާއްޖޭގެ އަޑު އުފެދުނީ 1962ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު މާލޭ ރޭޑިއޯގެ ނަމުގައެވެ. އެންމެ 4 މިނިޓާއި 2 ސިކުންތުގެ ޕްރޮގްރާމެއް އެންމެ ފުރަތަމަ ގެނެސްދިން ދިވެހިރާއްޖޭގެ އަޑު 2005ވަނަ އަހަރު ވަނީ 24 ގަޑިއިރަށް ކުރިއަށްގެންދާ ޗެނަލްއަކަށް ބަދަލުކޮށްފައެވެ.

މީގެ 58 އަހަރު ކުރިން ފެށި އަޑުގެ ޚިދުމަތަކީ ދިވެހިންގެ ދިރިއުޅުމުގެ މުހިއްމު ހިއްސާއަކަށް ވިއެވެ. ދިވެހިންގެ މަޢުލޫމާތުގެ ޚާޒާނާ މުއްސަނދިކޮށްދިނުމަށާއި ހޭލުންތެރިކުރުވުމާއި ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި މެދުކެނޑުމެއް ނެތި ދިވެހިރާއްޖޭގެ އަޑުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މާލޭ ރޭޑިއޯގެ ނަމުގައި ފެށި މިޚިދުމަތް އެކި ދުވަސްވަރު އެކި ނަންނަމުގައި އެކި ކުންފުނިތަކުގެ ބެލެނިވެރިކަމުގެ ދަށުން ދެމުން އައެވެ. މިހާރު ކިޔާނަން، ދިވެހިރާއްޖޭގެ އަޑުގެ ނަމަށް ރަސްމީކޮށް ބަދަލުކޮށްފައިވަނީ 1980ވަނަ އަހަރުގެ ޖެނުއަރީމަހުގެ 19ވަނަ ދުވަހުގައެވެ. ރާއްޖެއަށް ކުރިމަތިވި އެކި ކާރިޘާތަކާ ގުޅިގެން ޢާއްމުނަށް ބޭނުންވާ އެންމެ މުހިއްމު މަޢުލޫމާތުތައް ގެނެސްދިނުމުގައި ދިވެހިރާއްޖޭގެ އަޑުންވަނީ އިސްދައުރެއް އަދާކޮށްފައެވެ. އެގޮތުންވެސް 1988ވަނަ އަހަރުގެ ނޮވްމެބަރު 3 ވަނަދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލައާއި 2004ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާ ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ އަޑަށް 58 އަހަރު ފުރިގެންދާއިރު މުނިފޫހިފިލުވުމުގެ ޒަމާނީ އެކި ވަޞީލަތްތައް ޢާއްމުވެފައިވާއިރު އަދިވެސް ދިވެހިންގެ މެދުގައި ދިވެހިރާއްޖޭގެ އަޑަށްއޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ.