ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރަނީ


އިނގިރޭސިވިލާތާއި ތުރުކީވިލާތާއި ދެމެދު މިހަފްތާގެ ތެރޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.

މި އެއްބަސްވުންވެގެންދާނީ ވިލާތުގެ އިއްތިހާދުން ނިކުތުމަށްފަހު އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ސޮއިކުރާ ބައިނަލްއަޤްވާމީ އެއްބަސްވުމަށެވެ.

އިނގިރޭސިވިލާތާއި ތުރުކީވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާކަން ހާމަކުރައްވާ އިނގިރޭސިވިލާތުގެ ޓްރޭޑް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި އެއްބަސްވުން ޤާއިމުކުރުމަށް މިއަހަރު ފެށުނީއްސުރެ މަޝްވަރާކުރަމުންދާކަމަށެވެ.

ތުރުކީވިލާތަކީ ދުނިޔޭގައި އަދި ވަކިން ޚާއްސަކޮށް މެދުއިރުމަތީގައި ކުރިއަރަމުންދާ ބާރަކަށްވެފައި އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމުން މިފަދަ ބާރުތަކާއެކު ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިވާކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދު މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމުގައި އިތުރު ފީއެއް ނުނަގާގޮތަށް އެއްބަސްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިނގިރޭސިވިލާތުން ތުރުކީއަށް އެކްސްޕޯޓްކުރާ ދަގަނޑާއި އޮޓޯމޯޓިވް އުފެއްދުންތަކުން ނަގާ ޓެރިފް ނެގުމަކީ އިނގިރޭސިވިލާތުގެ ހީނަރުވެފައިވާ އިޤްތިޞާދަށް ލިބޭނެ ލުއެއްކަމަށް އިނގިރޭސިވިލާތުގެ ޓްރޭޑް މިނިސްޓަރ ލިޒް ޓްރަސް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި މިހަފްތާގެ ތެރޭގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، މި އެއްބަސްވުމުން 25.25 ބިލިއަންގެ މުދަލުން ޓެރިފް ހުއްޓޭނެކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކުރެއެވެ.

އިނިގިރޭސިވިލާތުން ތުރުކީވިލާތާއިއެކު މިހަފްތާގެ ތެރޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވަމުންދާއިރު، އެ ޤައުމުން މިހާރުދަނީ ޖަޕާން، ކެނެޑާ، ސްވިޒަލޭންޑް އަދި ނޯވޭއާއިއެކުވެސް މިފަދަ އެއްބަސްވުމެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ. އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އަންނަ އަހަރުގެ ތެރޭގައި 62 ޤައުމާއެކު އެއްބަސްވުންތައް ޤާއިމުކުރާނެކަމަށް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށްވެސް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މިފަދަ އެއްބަސްވުމަކަށް އައިސްފައި މިވަނީ އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުމަށް ޤާއިމުކުރާ ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް ކުރި މަޝްވަރާގެ ތެރެއިންނެވެ. މިކަން ހާމަކުރައްވާ ވާހަކަފުޅުދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވަނީ މިއީ އެ ޤައުމުން ފަހުގެ ތާރީޚެއްގައި އެކުލަވާލި އެންމެ ބޮޑު ވިޔަފާރީގެ އެއްބަސްވުންކަމަށް ސިފަކުރައްވާފައެވެ. މިކަމަށް ގިނަ ދުވަސްތަކެއް ނެގިޔަސް އިނގިރޭސިވިލާތަށް ގެއްލުން ނުވާގޮތަށް އެއްބަސްވުން އެކުލަވާލެވުމަކީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއްކަމަށް ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން އަހަރެއްގެ މައްޗަށް 660 ޕައުންޑްގެ ޚަރަދު ކުޑަކުރެވޭނެކަމަށް ބޮރިސް ޖޮންސަން ވިދާޅުވިއެވެ. ވަގުތު ކުޑަތަންވިޔަސް އެއްބަސްވުން ޤާއިމުކުރުމުގައި ޤައުމުގެ އިސްތިޤްލާލަށް ބުރޫއަރާނެފަދަ ފިޔަވަޅެއް ނާޅާނެކަމަށް ބޮރިސް ޖޮންސަން ވިދާޅުވާ ވިދާޅުވުން އަނެއްކާވެސް ތަކުރާރު ކުރެއްވިއެވެ.

ބްރެކްސިޓްގެ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެއްބަސް ނުވެވިވާ ގިނަ ކަންތައްތަކެއް އަދިވެސް އެބައޮތެވެ. އެގޮތުން މިހާތަނަށް ކުރި މަސައްކަތުން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު މަސްވެރިކަން ކުރުމުގައި ގެންގުޅޭނެ އުސޫލަށް އެއްބަސްވެވިފައެއްނުވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހު އިނގިރޭސި ވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިނގަމުންދާން ޖެހޭނެ ގޮތާއިމެދު އޮތް ޚިޔާލުތަފާތުވުންވެސް ހައްލުވެފައެއް ނުވެއެވެ.