ވިޔަފާރި

ސްޕައިސްޖެޓުން އަނެއްކާވެސް މޯލްޑިވިއަންގެ ސީޕްލޭން ޗާޓަރުކޮށްގެން ގެންގޮސްފި


އިންޑިއާގެ ސްޕައިސްޖެޓުން އެޤައުމުގައި ދެމުންދިޔަ ސީޕްލޭން ޙިދުމަތް އަލުން ފެށުމަށް މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާޓަރުކޮށްގެން މިއަދު ގެންގޮސްފިއެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެހީތެރިކަމާއިއެކު އިންޑިއާގައި ސީޕްލޭންގެ ޙިދުމަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުއެވެ. އެފަހަރުވެސް ސްޕައިސްޖެޓުން ވަނީ މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާޓަރކޮށްގެން ގެންގޮސްފައެވެ.

މޯލްޑިވިއަނުން ބުނީ ސްޕައިސް ޖެޓުން މިފަހަރު މޯލްޑިވިއަންގެ ސީޕްލޭން ޗާޓަރުކޮށްގެން ގެންދިޔައީ 1 މަސްދުވަހަށްކަމަށެވެ. މި ދަތުރުގައި މޯލްޑިވިއަންގެ ސީޕްލޭން ކްރޫގެ 6 މެންބަރުން ވަނީ އިންޑިއާއަށްގޮސްފައެވެ.

ސްޕައިސްޖެޓުން އިންޑިއާގައި ދެމުންދާ ސީޕްލޭން ދަތުރުތައް ކުރަނީ އިންޑިއާގެ އަޙްމަދުއާބާދުން ގުޖުރާތުގައި އޮންނަ އަވަށެއްކަމަށްވާ ކެވަޑިއާއަށެވެ. އެއްގަމު މަގުން ދާނަމަ 4 ގަޑިއިރު ހޭދަވާ މި ދަތުރަށް ސީޕްލޭންގައިނަމަ ހޭދަވާނީ ގަޑިއިރެއްހާއިރުކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ސްޕައިސްޖެޓްގެ ސީޕްލޭން ޙިދުމަތްދިނުމަށް އެންމެ ފުރަތަމަ މޯލްޑިވިއަނުން ޗާޓަރު ކޮށްގެން ގެންދިޔަ ސީޕްލޭންގެ ކުރޫއިން ރާއްޖެ އައިސްފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ މީގެކުރިން ވިދާޅުވެފައިވަނީ އިންޑިޔާއިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ސީޕްލޭން ޗާރޓަރ ކުރެވޭނެކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން އިހްތިޔާރުކުރިކަމީ ދިވެހިންނަށް ލިބިގެން ދިޔަ ފަހުރަކާއި ޝަރަފެއްކަމަށެވެ.