ތަޢުލީމު

ނ.މަގޫދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ސަމްހާ ސަލީމް ހޮވިއްޖެ




ނ.މަގޫދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ގްރޭޑް 6 ގެ ދަރިވަރު ސަމްހާ ސަލީމް ހޮވިއްޖެއެވެ.

ރޭ ބޭއްވި ޖަލްސާގައި ވޭތުވެ ދިޔަ އަހަރު އެސްކޫލުން
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު، 2014 ވަނަ އަހަރު އެސްކޫލުގެ
ގްރޭޑް 6 ގައި ތައުލީމު ހާސިލް ކުރި އެރަށު ވީނަސް ސަމްހާ ސަލީމްއަށް އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ނ.އަތޮޅު
ކައުންސިލްގެ ނައިބުރައީސް އަންވަރު އަބްދުލްޣަނީއެވެ.

މީގެ އިތުރުންވެސް، މިޖަލްސާގައި ކްލާސް
ޕްރައިޒް، ސަބްޖެކްޓް ޕްރައިޒް، ހޮނަލިސްޓެޑް އެވޯޑް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ.



ރޭގެ ޖަލްސާގައި ވީޑިޔޯ
ޕްރެސެންޓޭޝަނެއްގެ ގޮތުގައި ހުށަހެޅި އަހަރީ ރިޕޯޓުގައި ސްކޫލުގައި ހުރި
ދަތިތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ކްލާސްރޫމްގެ ޖާގައިގެ ދަތިކަމާ
ކިޔަވައިދޭން ބޭނުންވާ ޒަމާނީ ވަސީލަތްތައް ނެތްކަން ފާހަގަކޮށްފައިވެއެވެ.



ޖަލްސާގައި ޝަރަފްވެރި
މެހްމާން ދެއްކެވި ވާހަކަފުޅުގައި، ސްކޫލުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ
މުހިއްމު ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި ކަމާބެހޭ މުއްއަސަސާތަކާއި
ގުޅިގެން އަތޮޅު ކައުންސިލުން މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި އެ ސްކޫލުގެ 35
ވަނަ އަހަރީ ދުވަހުގެ ލޯގޯ ވަނީ އިފްތިތާހު ކޮށްފައެވެ. ލޯގޯ އިފްތިތާހް ކޮށްދެއްވީ
ޖަލްސާގެ ޝަރަފްވެރި މެހްމާން ނ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަންވަރު
އަބްދުލްޣަނީއެވެ.



ނ.މަގޫދޫ ސްކޫލަކީ ގްރޭޑް 7
އާއި ހަމައަށް ކިޔަވަދޭ ސްކޫލެކެވެ. އެ ސްކޫލުގައި 35 ދަރިވަރުން ތައުލީމު
ހާސިލުކުރަމުންދެއެވެ. ޖާގައިގެ ދަތިކަމާހުރެ މިހާރުވެސް އެސްކޫލުގައި ކިޔަވައިދެމުން
ގެންދަނީ އެއް ކްލާސް ރޫމް ޕާޓިޝަން ޖަހާ ވަކިކޮށް ދެ ކްލާހަށް ހަދައިގެން ކަމަށް
އެ ސްކޫލުން މައުލޫމާތުދެއެވެ.