ޚަބަރު

ޒަމާންވީ "އަޑު"ގެ ހިތްގައިމު، ބަދަލުނުވާ އަޑުތައް


އަވަދިނެތި މަސައްކަތުގައި އުޅޭއިރު ނަމާދު ވަގުތު ބުނެދެނީވެސް އެމީހުންނެވެ. އަތުކުރީގައި ގަޑިއެއް ނެތްނަމަވެސް ކޮންމެ އެއްގަޑިއިރަކުން ނަމަވެސް އެމީހުން ގަޑިންވާވަރު ހަނދާންކޮށްދެއެވެ. ގަސް އިންދުމުން ފެށިގެން އިންޖީނިއަރުކަން ކުރާނެގޮތާހަމަޢަށް މުދައްރިސެއް ފަދައިން ކިޔާދެއެވެ.

ދީނީ ކަންކަމަށް ލޯހުޅުވާލަދީ ދީނީ ގޮތުން ނޭގޭ އެތައްކަމެއް ކިޔައިދެނީ އޭގެ މިސާލުތައް ލޮލަށް ސިފަވާ ހެނެވެ. މާދުރު ކަނޑުތަކުގައި ދަތުރުކުރާ މީހުންނާއި އެތައްމޭލު ބޭރުގައި މަސްވެރިކަންކުރާ މަސްވެރިންނަށް ރާއްޖޭގައި ހިނގާ ކަންކަމުގައި ޚަބަރު ގެންގޮސްދޭ ޕޯސްޓްވެރިޔަކީވެސް އެއީއެވެ. އެކަނިވެރިކަން ފިލުވާލަދޭ ބައިވެރިއަކީވެސް އޭނާއެވެ.

މިއީ މީގެ އެތައްއަހަރެއްކުރިން ފެށިގެން އެތައް ދިވެހިންގެ އެންމެ ގާތް އެއް އެކުވެރިޔާގެ ވާހަކައެވެ. ދިވެހިރާއްޖޭގެ އަޑުގެ ވާހަކައެވެ.

ޒަމާން ބަދަލުވެ ދިވެހި ރާއްޖޭގެއަޑު ނުވަތަ ރޭޑިއޯ އަހާ މީހުން މިހާރު ނެތްކަމަށް ބުނާ ކޮންމެ ފަހަރަކު އެކަމަށް ޖަވާބު ލިބެނީ ރާއްޖޭގެ އެކިހިސާބަށް އަޑުގެ ސިގްނަލް ކެނޑޭ ހިސާބުންނެވެ. އެތައް ކޯލާއި އެތައް ޝަކުވާތަކެއް އަންނަނީ ފުލުފުލުގައެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑަށް މިވަނީ 58 އަހަރުފުރިފައެވެ. އެތައް ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ މި އަޑު މިއަދުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ގުގުމާއިއިރު މިއީ އެތައް ބައެއްގެ ބުރަ މަސައްކަތަކެވެ. އެހުންތަރިން ބޭނުންވާ ހުރިހާ މަޢުލޫމާތެއް އަކުރުން އަކުރަށް ގެނެސްދިނުމަށް މީގެ އެތައް އަހަރެއް ކުރިން މަސައްކަތައް ނުކުތް މުވައްޒަފުން މިއަދުވެސް އެޚިދުމަތުގައި ތިބީ އުފަލުންނެވެ. މި އެންމެންގެ ނަންތައްވެސް އެހުންތެރިން ހިތު ދަހެއެވެ. އެ އަޑުތައްވެސް ހުރީ ކަންފަތުގައި ހަރުލާފައެވެ. އެހެންނަމަވެސް މި އަޑުތަކުގެ އަސްލުވެރިން ފެނުނަސް މަދު ބަޔަކަށް ނޫނީ ނެގެއޭ ބުނުން ދޮގަކަށްނުވާނެއެވެ.

ހެނދުނުގެ ހާލާއި ކޮވެއްޔާއެކު ދުވަސްފަށައި ދޭ ރަމީޒު

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކުގެ ތެރެއިން މިއަދާއި ހަމައަށްވެސް ފޫހިކަމެއް ނެތި ހެނދުނު ހެނދުނާ އިންތިޒާރުކުރެވޭ އެއް ޕްރޮގްރާމަކީ ދުވަހުގެ ފެށުން، ބާއްޖަވެރި ހެނދުނެއްކަން ޔަގީންނެވެ.

އިބްރާހިމް މަނިކު (ސަމަރޭ )އާއި ބަދުރުއް ނަސީރު(ބަދުރު)ގެ ހިތްގައިމު އަޑުން ފެށި މި ޕްރޮގްރާމަކީ ރޭޑިއޯގެ އެހުންތެރިންގެ ދުވަހުގެ ފެށުމަށް ބޭނުންވާ މަޢުލޫމާތުގެ ހަޒާނާއެވެ.

މިއަދު މި ޕްރޮގްރާމުން އިވޭ އެއް އަޑަކީ މީގެ އެތައް އަހަރެއް ކުރިން އަޑުގެ ލައިބްރޭރީގައި މަސައްކަތް ކުރި ޒުވާނެއްގެ އަޑެވެ. ޕްރެޒެންޓަރަކަށް ވުމަށް ޝައުގުވެރިކަން އޭރުވެސް އޮތް އެ ޒުވާނާއަކީ މިއަދު ރޭޑިއޯގެ އެންމެ ގިނަ ބައެއް ލޯބިކުރާ އެއް އަޑެވެ. ނަމުން ބުނުމުން މީ ކާކުން ނޭގިއެއް ނުހުންނާއެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު ހެދުނާ އެންމެހައި ދިވެހިންނަށް ބާއްޖަވެރި ހެދުނަކަށް އެދެމުން އަންނަ މުހައްމަދު ރަމީޒު އެ ޕްރޮގްރާމް ހުށައަޅަމުން އަންނަތާ މިހާރު ވިއްސަކަށް އަހަރުވަނީއެވެ. ރަމީޒުގެ އަޑު މި ޕްރޮގްރާމުން ނީވޭ ދުވަސްވަރުވެސް އޭނާއަކީ މި ޕްރޮގްރާމުގެ އެއް ތަންބެވެ. ޕްރެންޒެންޓަރުން އެނައުންސްމަންޓްތައް ރެކޯޑްކޮށް ގެއަށް ދިޔުމުން ލަވައާއި އެހެނިހެން ބައިތައް އެއްކޮށް ޕްރޮގްރާމް ފުރިހަމަކޮށްލަނީ އޭރުވެސް ރަމީޒެވެ.

ރޭޑިއޯއިން ޕްރޮގްރާމުތައް ގެނެސްދޭ ދާއިރާތަކުން މުހައްމަދު ރަމީޒުގެ އަޑު ނީވޭ އެއްވެސް ދާއިރާއެއް ނޯންނާކަން ޔަޤީންނެވެ. ޑްރާމެއްގައި ވިޔަސް، އިސްތިހާރެއްގައިވިޔަސް މިއަޑު ހުންނާނެއެވެ. މަޖާ ހިނިގަޑުތަކާއި ދެރަވެ ހިތްފަޅައިގެން ދާވަރުގެ ރުއިމުގެ އަޑުތައް އިއްވާލުމަކީ ރަމީޒަށް ފެން ބޮއެފައި ވަޔެއްލުންހާ ފަސޭހަކަމެކެވެ. އެއްދުވަސްވަރު ރޭޑިއޯއިން ގެނެސްދިން އެންމެ މަގްބޫލު އެއް ޕްރޮގްރާމް ލޯބީގެ ދަރުބާރުގައި ވާހަކަތައް ކިޔާދިން އެ އެކުވެރިޔާއަކީވެސް މިއެވެ. އެކި މީހުންނަށް ދިމާވި ލޯބީގެ ހެއްވާ މަޖާ، ނުވަތަ ހިތާމެވެރި ހާދިސާތައް ރަމީޒު ކިޔާދޭއިރު އެއީ އެނާއަށް ދިމާވިކަމަކޭ ހިތައް ނަރާނެ ފަހަރެއް މަދުވާނެއެވެ.

ރޯދަމަހުގެ ރޯދަކުރުކުރުމާއި ރޯދަވީއްލުމުގެ އަންނަ ހެއްވާ މަޖާ "ދިރިއުޅުން" މީވެސް ރަމީޒުގެ އަޑު އިވޭވަގުތުތަކެވެ. ފަހަރުގައި ފޮޓޯއަށް ބަލާލުމުން މީ ހަމަ އެއަޑުގެ ވެރިޔާބާއޭ ހިތައް އަރާފާނެއެވެ. އާއެކެވެ. އެ ހިތްގައިމު އަޑުގެ ވެރިޔާ މުހައްމަދު ރަމީޒަކީ މީއެވެ.

ޚަބަރާއެކު މިބައްދަލުކޮށްލީ ޙަލީމަތު މޫސާ

މި އަޑު ރޭޑިއޯއިން ނީވޭ ދުވަހެއް މަދުވާނެއެވެ. ގަޑިންވާއިރު ބުނެދިނުމުގައެވެ. ނޫނީ އެކި އިދާރާތަކުން ރައްޔިތުންނަށް ދޭން ބޭނުންވާ މަޢުލޫމާތުތަކުގެ އިއުލާންތައް ކިޔާދިނުމުގައެވެ. ކޮންމެވެސް މީހެއް ކަށުނަމާދެއް ނޫނީ ދަރަންޏެއް ވަސިއްޔަތެއް ގޮވުމުގައެވެ. ރީތި ލަވައެއް ނުވަތަ މަދަހެއް ގެނެސްދިނުމުގައެވެ. މާލެއާއި މާލެ ކައިރީ ހިސާބުތަކުގެ ނަމާދު ވަގުތުތައް އަންގާދިނުމުގައެވެ.

މި ހުރިހާކަމަކަށްވުރެވެސް ރޭޑިއޯގެ އެހުންތެރިންގެ މެދުގައި މިއަޑު އެންމެ މަގްބޫލީ ދިވެހިރާއްޖޭގެ އަޑުގެ ޚަބަރު ގަޑިތަކުގައެވެ. ޚަބަރުތަކުގެ ތަފްސީލާއެއްކޮށް މިބައްދަލުކޮށްލީ އަޅުގަޑު ހަލީމަތު މޫސާއެވެ.

މީ މިއަޑުން އެންމެ ގިނަ މީހުން އަހާނެ އެއް ޖުމްލައެވެ. ހަލީމަތު މުސާ ދިވެހިރާއްޖޭގެ އަޑާއި ގުޅުނީ 1998ވަނަ އަހަރު އެއަހަރުގެ އަޑުގެ އަހަރީ ދުވަހުގެ 22 ދުވަސް ކުރިންނެވެ. މިހާރު އެނާ ގުނަމުން މިދަނީވެސް އަޑުގައި ހިދުމަތްކުރާތާ 22ވަނަ އަހަރެވެ.

ދާދި ފަހަކާއި ޖެހެންދެން އެނައުންސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ޙަލީމަތަކީ މިއަދު ރޭޑިއޯގެ ހިވާގި ޕްރޮޑިއުސަރުންގެ ޓީމުގައި ހިމެނޭ އެއް ފަހުލަވާނައެވެ. ރޭޑިއޯގެ ޕްރައިމްޓައިމް ޚަބަރުތައް ގެނެސްދޭ ޚަބަރުކިޔުންތެރިންގެ ލިސްޓްގެ ކުރީ ސަފުގައި ހިމެނޭ ޙަލީމަތަކީ ރޭޑިއޯ ޑްރާމާތަކުންވެސް ފާހަގަކޮށްލެވޭ އެއް އަޑެވެ. އުދަނގޫ ނަންތަކާއި ބޮޑެތި ހިސާބު ޢަދަދުތައް ފަސޭހަކަމާއެކު ޚަބަރުތަކުގައި ކިޔާލާ ޙަލީމަތަކީ ޑްރާމާތަކުގައި ކޮންމެ ރޯލަކަށްވެސް ފިޓް ރޭޑިއޯ އެކްޓެރެސްއެކެވެ. ވޮއިސް އާޓިސްޓެކެވެ.

ކޮންމެ ސުވާލަކަށްވެސް ޖަވާބު ހޯދައިދޭ ނާފިޒާ

މީ އެއަޑެއްގެ ޖާދޫގައި ދިވެހިރާއްޖޭގެ އަޑުގެ އެތައް އެހުންތެރިންނެއް ޖެހިފައިވާ އެއް އަޑެވެ. އަޑުގެ ވެރިޔަކީ ނާފިޒާ ޢަބްދުއްރަޝީދެވެ. މަދުރަސީ ދައުރުއްސުރެ ރޭޑިއޯއަށް ހިތްޖެހުނު ނާފިޒާއަށް އޭނާގެ ހުވަފެނުގައި ކުލަ ޖެއްސުމުގެ ފުރުސަތު ލިބުނީ 2000ވަނަ އަހަރުއެވެ. ލިބުނު ކުޑަ ހަނި ފުރުސަތެއްގެ ބޭނުންކޮށް އަޑުގެ ޚިދުމަތާ ގުޅުނެވެ.

ދިވެހިރާއްޖޭގެ ރޭޑިޔޯ ޝަޚުސިއްޔަތުންގެ ތެރޭގައި ހިމެނޭ ޙަފްސާ ޢަލީ، ނަޖުމާ ހުސައިން، މުއުމިނާ އިބްރާހީމް އަދި ޒާހިދާ އިބްރާހިމް ފަދަ ޕްރެޒެންޓަރުންގެ ހިޔާވަހިކަމުން ތަމްރީނާއި ހުނަރު ހޯދާފައިވާ ނާފިޒާވަނީ ރޭޑިއޯ ޕްރޮގްރާމްތައް އުފެއްދުމުގައި މިހާރު ނިކަން ފަރިތަވެފައެވެ. އޭނާގެ ރޭޑިއޯގެ ފުރަތަމަ އުފެއްދުމަކީ މިއަދުވެސް ރޭޑިއޯ އެހުންތެރުންގެ މަދުގައި މަގްބޫލުވި "ޢާންމު ސިއްޙަތު" މި ޕްރޮގްރާމެވެ.

ސިއްޙީ ގޮތުން މީހުން ދުޅަހެޔޮކޮށް ބެއިތިއްބުމަށް ފެށި މިޕްރޮގްރާމަށްފަހު އޭނާއަށް ޕްރޮގްރާމު ނެހެދޭނެ އެއްވެސް ދައިރާއެއް ނެތްކަންވަނީ ސާބިތުކޮށްދީފައެވެ. ދީނީ މަޢުލޫމާތާއި އިޖުތިމާޢީ މައްސަލަތަކާއި މުނިފޫހިފިލުވައި ދިނުމުގައިވެސް ރޭޑިއޯގައި ނާފިޒާ އަދާކުރަނީ މުހިއްމު ޒިންމާ ބޮޑު ދައުރަކެވެ. ނާފިޒާގެ އުފެއްދުންތަކުގެ ޢަދަދު ގުނަންޖެހޭނީ ސަތޭކައިން މަތިންނެވެ.

މަޢުލޫމާތާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އުފެއްދުމުގެ އިތުރުން ރޭޑިޔޯ ޑްރާމާ ކުޅުމަކީ ނާފިޒާގެ ޚާއްސަ ހުނަރެކެވެ. ދެން އެންމެ އަވަހަށް އަންނަ ޑްރާމާއިން ނާފިޒާގެ ރޯލުގެ މޮޅުކަން އަހާ ވަޒަންކޮށްލުން ކިހިނެތް ވާނެ ހެއްޔެވެ؟

މިއަދުވެސް ވާހަކަ ކިޔައިދޭން މިބައްދަލުކޮށްލީ ފާތުން ދައްތަ

ހަފްތާ ބަންދުގައި މިހާރުވެސް އަޑުއަހާ ނުލާ ދުކޮށްނުލެވޭ އެކައްޗެއް އޮވެއެވެ. މިއީ ވަރަށް ކުޑައިރުއްސުރެ ފެށުނު އާދައެކެވެ. ކޮންމެހެން ހަދާފައިވެސް އެގަޑިއަށް ރޭޑިއޯ ހުޅުވަންޖެހޭނެއެވެ.

"އެބަ އުޅޭ އެބަ އުޅޭ" މިއީ ކުޑަކުދިންގެ ރޭޑިއޯގެ އެންމެ ޒަމާންވީ އެކުވެރިޔާއެވެ. ޒާހިދާ އިބްރާހީމް (ޒާހިއްތަ) މީގެއެތައް އަހަރެން ކުރިން ކޮންމެ ހަފްތާއަކު ކިޔާދެމުން އައި ވާހަކަތައް މިއަދުވެސް އެ އަންނަނީއެވެ.

ސިންގާގެ އަޑާއި ދޫނީގެ އަޑާއި މިހެން ގޮސް އެކި އެއްޗެހިގެ އަޑު ހުންނަ ގޮތަށް މީހުން ލައްވާ އެއަޑުތައް ރެކޯޑްކޮށް، މިއަދު އެވާހަކަތައް ގެނެސްދެނީ ހުރިހާ ކުދިންގެ ފާތުން ދައްތަ އަސްލު ނަމުންނަމަ ފާތުމަތު ވަހީދާއެވެ.

އަޑުގައި މަސައްކަތްކުރާތާ 20ވަނަ އަހަރު ގުނަމުން އަންނަ ފާޠިމަތު ވަހީދާގެ 2ވަނަ ގެއަކީވެސް ދިވެހިރާއްޖޭގެ އަޑެވެ. ގޭގައި ނެތް ކޮންމެ އިރަކު އޭނާ އެންމެ ފަސޭހައިން ހޯދޭނީ އަޑަށް އައުމުންނެވެ.

ރާއްޖޭގައި ރޭޑިޔޯ ޑްރާމާ އުފެއްދުމުގައި އެފަދަ ދެވަނައެއް ނުވާ ޔޫސުފް ރިޔާޟް މޫސާގެ އަރިހުން ދަރިވަރުވި ފާޠިމަތު ވަހީދާއަކީ ރޭޑިއޯ ޑްރާމާ އުފެއްދުމުގައި މިހާރު އެންމެ ކުރީގައި އުޅޭ އެއް ޕްރޮޑިއުސަރޭ ބުނެ ވިދާނެއެވެ. ސަބަބެއްވެސް އެބަ އޮތެވެ. ރޭޑިއޯގައި ވޭތުވެ ދިޔަ ދިގުމާޒީގައި ފާތުމަތު ވަޙީދާވަނީ އެތައް ސަތޭކަ ރޭޑިޔޯ ޑްރާމާއެއް ލިޔެ އުފައްދާފައެވެ. އެމަންޒަރަކާ ގުޅޭގޮތަށް އެ ކެރެކްޓަރަކަށް އަޑު އަޅަން ފާތުމަތު ވަހީދާ އުޅޭއިރު ބައެއް ފަހަރަށް އެ މަންޒަރު ބަލަން ހުންނަ މީހަކަށް އެއީ ޓީވީ ޑްރާމާއެކޭވެސް ހީވެދާނެއެވެ. ބޭނުމަކީ އެހާވެސް ފުރިހަމަކޮށް އެ އަޑުތައް އަސްލާއި އެއްގޮތަށް ގެނެސްދިނުމެވެ. ޑްރާމާގެ ވާހަކައާއި ޑައިލޮގްތައް ލިޔެ އެކިމީހުން އެއްކޮށް ޑްރާމާއަށް އަޑުއެޅުމަށްފަހު ކޮންމެވެސް ރޯލެއް ކުޅެ ނުލާވެސް ފާތިމަތު ވާހީދާ ދޫކޮށެއް ނުލައެވެ.

ކުއިޒްތަކާއި ލަވަބާޒީތަކާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތަކުން އިވޭ އެހުންތެރިންގެ ފާތުންނަކީވެސް ހަމަ މިއެވެ.

ހަފްލާތަކާއި ސިޔާސީ އަޑު، ރާޒީ

މީ ޙަފްލާތަކާއި ރަސްމިއްޔާތުތައް އެހުންތެރިންނަށް އަޑުން ދައްކާލަން އެންމެ ކުޅަދާނެ އެކަކެވެ. ތަން ޒީނަތްތެރިކޮށްފައިވާ ގޮތާއި އެތަނުގައި ހިނގާ ހުރިހާ ހަރަކާތެއް ރޭޑިއޯގެ އެހުންތެރިންނަށް ކިޔައިދޭއިރު އެ މަންޒަރު ފެންނަހެން ހީވެއެވެ. ސިފަކޮށްދިންނުން އެހާވެސް ފުރިހަމައެވެ.

މިއަޑު ރޭޑިއޯގެ އެއްވެސް އެހުންތެރިއަކަށް ނޯޅޭނެއެވެ. މީ ރޭޑިއޯގެ ސީނިއަރ ޕްރޮޑިއުސަރ ޢަލީ ރާޒީއެވެ. އެނާގެ އަޑު ރޭޑިއޯގެ އެހުންތެރިންނަށް ފުރަތަމަ އިއްވާލީ އުފަން ރަށް ފުވައްމުލަކުންނެވެ. ފުވައްމުލަކުގެ ތާރީޚާއި އާސާރީ ތަންތަނާގުޅޭ މަޢުލޫމާތު ހިމަނައިގެން އޭނާ ތައްޔާރުކުރި "ތަރިކަ" މި ޕްރޮގްރާމަކީ ރާޒީގެ އުފެއްދުންތަކުން އޭނާ އެންމެ ފާހަގަކޮށްލާ އެއް ސިލްސިލާއެވެ.

މިއަދު ރާޒީވަނީ މާލޭގެ މައި ސްޓޭޝަނަށް ބަދަލުވެ ޕްރޮޑިއުސަރުންގެ ލިސްޓްގެ އެންމެ ކުރީގައި ނަން ހިމަނާލައި މޮޅެތި ރޭޑިއޯ އުފެއްދުންތަކެއް އެހުންތެރިންނަށް ދޫކޮށްލާފައެވެ.

ރާޒީ ހަމައެކަނި މަޝްހޫރުކަން ހޯދީ ރޭޑިއޯ އެހުންތެރިންގެ ތެރޭގައި އެކަންޏެއް ނޫނެވެ. ބައެއް ޓީވީ ހުށައެޅުންތަކުންވެސް ފެނިފައިވާ ރާޒީ މިހާރު އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓް ފޯމުތަކުގައިވެސް ގަދަކުރަމުންނެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ އެނާ މިހާރު ހުށައަޅަމުން އަންނަ "އަހާށޭ ބުނާނަން" މި ސިލްސިލާއެވެ. ސީޔާސީ މީހުން ގެނެސް ހޫނު ގޮނޑިއަށް ލައި ރާޒީކުރި ބައެއް ސުވާލުތަކުން ބައެއް ބޭފުޅުން ހަމަ ރަނގަޅަށްވެސް ވަނީ ހޫނުފެނަށްވެސް ވެއްޓިފައެވެ.

500އަށްވުރެ ގިނަ ޕްރޮގްރާމް އުފައްދައި ހުށައަޅާދީފައިވާ ރާޒީ އެންމެބޮޑަށް ޝައުގު ހުންނަނީ ޢިލްމީ އަދި އިޖްތިމާޢީ ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީ ސްޓައިލްގެ ޕްރޮގްރާމްތައް ތައްޔާރުކުރުމަށެވެ.

"ޑްރާމާ ކުއީން" ބެސްޓް އެކްޓެރެސް

މީ ކާކު ހެއްޔެވެ" ބައެއް ފަހަރު ސުނޭނާއެވެ. އަނެއް ބައިފަހަރު ނަހުލާއެވެ. މަންމައެވެ. ދަރިފުޅެވެ. ނޫނީ ލޯބިވެރިޔާއެވެ. އާއެކެވެ. ތިޔަ ހީވީ ރަނގަޅަށެވެ. މީ ތިޔަ އައްސަވާ ޑްރާމާތަކުގެ އެކި ރޯލުން އެކި ކެރެކްޓާތައް އިއްވާލަދޭ މަރިޔަމް އާތިފާއެވެ.

ތައުލީމީ ހަޔާތް ނިންމާލުމަށްފަހު 1998ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑާ ގުޅުނު އާތިފާއަކީ އެތަނުގެ ޕްރެޒެންޓަރ ޕްރޮޑޮއިސަރެކެވެ. އެހުންތެރިން ބޭނުންވާ އެތައް މަޢުލޫމާތުތަކެއް ގެނެސްދޭ އެތައް ޕްރޮގްރާމްތަކެއް އާތިފާވަނީ އުފައްދާފައެވެ. އާތިފާގެ އެންމެ ކުޅަދާ ނަކަމަކީ ރޭޑިއޯ ޑްރާމާތަކުގައި އޭނާ ކުޅެލާ ރޯލްތަކެވެ. ޑްރާމްތަކުގެ ބައިތަކަށް އާތިފާގެ ހިތް ލަންބާލިވަރަކީ މިއަދު އޭނާއަކީ ރޭޑިއޯގެ އެހުންތެރިންނަށް އިވޭ ގިނަ ޑްރާމާތައް ލިޔެ އުފައްދާ އަޑުއަޅާ އެއް ޕްރޮޑިއުސަރުވެސް މެއެވެ.

ހަފްތާއަކު އެއްރޭ ކޮންމެހެން ހާދާފައިވެސް އެވަގުތަކަށް ރޭޑިއޯއަށް ވަގުތު ހުސްކުރި ނަޖްމާއްތަގެ " ހަފްތާގެ ވާހަކަ" މިހާރު ކިޔާދެނީ އާތިފާގެ އަޑުންނެވެ. މި ހަފްތާގެ ވާހަކަ އޮންނާނީ އަންނަ .އަންގާރަ ދުވަހުގެ ރެއެވެ. ނަމަ ނަމަ ހަދާން ނައްތާނުލައި އެގަޑިއަށް ރޭޑިއޯ ޓިއުން ކުރައްޗެވެ.

ރޭޑިއޯތަކަށް އަޑު ފޮނުވައިދޭ ރަމްލާ

ފުރިހަމަ ފިލްމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދެވޭނީ ކެމެރާގެ ކުރިމަތިން ފެންނަ މޫނުތަކުގެ އިތުރުން ކެމެރާގެ ފުރަގަހުގައި ޙަރަކާތްތެރިވާ އެތައް ބައެއްގެ ބުރަ މަސައްކަތުންކަން ޔަޤީނެވެ. ރޭޑިއޯގައިވެސް ކަންވަނީ މިހެންނެވެ. އެހުންތެރިންނާ ހަމައަށް އަޑުތައް ގެނެސްދިނުމުގައި ޓެކްނިކަލް އެތައް ބައެއްގެ ބުރަ މަސައްކަތް ހިމެނެއެވެ. މިޓީމުގެ މެމްބަރެއްގެ ވާހަކަ ދައްކާނުލައި ނިންމާލުން އެހާ އިންސާފުވެރިއެއް ނުވާނެއެވެ.

މިޓީމުން ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ސީނިއަރ އޮން-އެއަރ އޮޕަރޭޓަރ ރަމްލާ އިބްރާހީމެވެ.

ރަމްލާ ދިވެހިރާއްޖޭގެ އަޑާއި ގުޅުނީ 1991ވަނަ އަހަރުގައެވެ. އަޑުގެ އޮން-އެއަރ އޮޕަރޭޓަރެއްގެ ވަޒީފާއާއި ރަމްލާ ގުޅުނީ މަސައްކަތުގެ އެއްވެސް ތަޖުރިބާއެއް ހުރެގެންނެއް ނޫނެވެ. އެހެންނަމަވެސް އަޑުގެ ދުވަހުގެ ތާވަލާ އެއްގޮތަށް ޕްރޮގްރާމްތަކާއި ލައިވްތަކުގެ އިތުރުން އިސްތިހާރުތައްވެސް ޕްލޭ ކުރުމުގައި ރަމްލާ މިހާރުވެސް މަސައްކަތްކުރަނީ އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތިއެވެ. އެކި ޕްރެޒެންޓަރުންގެ އަޑުތައް ރޭޑިއޯއަށް ފޮނުވުމުގައި ޓީމުގެ ފަހަތުގައި ޚިދުމަތްކުރާތާ 29 އަހަރުވެފައިވާ ރަމްލާގެ އަޑު ރޭޑިއޯގެ އެހުންތެރިންނަށް މިހާރު އިވޭކަން އެނގޭ ހެއްޔެވެ؟ އާއެކެވެ. ރޭޑިއޯ ޑްރާމާތަކުން މިވެނި ރޯލަކުން އަޑު އިވޭ ރަމްލާ އިބްރާހިމަކީ މިއީއެވެ.

ކެޕްޓަނާއި ވައިސް ކެޕްޓަން

މި މޫނުތަކާއި މި އަޑުތައް އެއްވެސް ބަޔަކަށް އަލެއް ނުވާނެއެވެ. އެހެންވީމާ ކުޅަދާނެ މި ދެ ހުށައެޅުންތެރިންގެ މާޒީއަކަށް ނުވަތަ އިތުރު ތަފްސީލަކަށްވެސް ނުދާނެމެވެ. އެކަމަކުވެސް އެއް ވާހަކައެއް ކިޔާދޭނަމެވެ.

އަޑުގެ ހީވާގި ޓީމަށް މަގު ދައްކާ އެޓީމު ގޮވައިގެން ކުރިޔަށްދާ ލީޑަރުންނަކީ މިއީއެވެ. ރޭޑިއޯ އެހުންތެރިންގެ އެންމެ ގާތް އެއް އެކުވެރިޔާ ނަސްރުﷲ އިދުރީސަކީ ޓީމުގެ ވައިސް ކެޕްޓަނެވެ. ކޮންމެ ދުވަހަކުވެސް ޕްރޮއިސަރުންނާއި އެކު ޢަމަލީ މައިދާނަށް ފައިބައެވެ. ކިތަންމެ ބިޒީވިޔަސް ޕްރޮގްރާމްތަކުގެ ފެންވަރާއި ކޮލެޓީ ބަލަން ވަގުތު ހުސްކުރެއެވެ. ޕްރޮޑިއުސަރުންނަށް އިރުޝާދުދީ އައު އުފެދުންތައް ނެރުމަށް ހިތްވަރުދިނުމަކީ ނަސްރުގެ އެންމެބޮޑު އުފަލެވެ.

ދެން ހުރީ ޓީމުގެ ކައްޕިތާނެވެ. 1995 އަހަރު އަޑުގެ ޚިދުމަތާ ގުޅުނު މުޙައްމަދު ޝާކިރަކީ ރޭޑިއޯއާއި ޓިވީގައިވެސް ޝޯތައް ހުށައަޅާދިނުމުގައި ފިސާރި ދޫހެލޭ މޮޅު ހުށައެޅުންތެރިއެކެވެ. އެހެންނަމަވެސް މިއަދު ޑިރެކްޓަރ ރޭޑިއޯގެ މަޤާމު ފުރައްވާ ޝާކިރު އޭނާ ވަގުތު ހުސްކުރަނީ ލިބިފައިވާ ތަޖުރިބާގެ އަލީގައި އޭނާގެ ޓީމަށް ކޯޗުކޮށްދިނުމަށެވެ.

ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޙައިސިއްޔަތުން ރައްޔިތުންނަށް ބޭނުންވާ ޕްރޮގްރާމުތައް އުފައްދައި ރޭޑިއޯއިން ގެނެސްދިނުމަށް ޓީމަށް ބޭނުންވާ އެންމެހާއި ހުނަރާއި ތަމްރީނުތައް ހޯދައި ދިނުމަށެވެ. ޒަމާނީ ވަސީލަތްތަކާއެކު ޒަމާނީ ފެންވަރަށް އަޑުގެ އުފެއްދުންތައް އެކި ޕްލެޓް ފޯމްތަކަށް ދޫކޮށްލުމަށެވެ.

މަތީގައި މިހިމަނާލީ އަޑުގެ މުޅި ޓިމު ނޫންނަމަވެސް ދެންތިބި ހުރިހާ ޕްރޮޑިއުސަރުންނާއި ޕްރެޒެންޓަރުންނަކީވެސް ވަކި ދޫކުރާނެ ބައެއް ނޫނެވެ. ކޮންމެ މީހަކީވެސް ހަމަ އެހާމެ ކުޅަދާނެ އެހުންތެރިންގެ ލޯބި ހޯދާފައިވާ ބޭފުޅެކެވެ.

ބައި ޤަރުނަށްވުރެ ދިގު މާޒީއެއް އޮތް ދިވެހިރާއްޖޭގެ އަޑަކީ އިއްޔެއެކޭ އެއްފަދައިން މިއަދުވެސް ޤައުމު ބިނާކުރުމުގައި މުހިންމު ޒިންމާއެއް އަދާކުރާ ބައިވެރިއެކެވެ. މީޑިޔާގެ ވާދަވެރިކަން އިތުރުވެފައިވާ ރާއްޖޭގެ މާޙައުލުގައި ސިޔާސީގޮތުން ވަކިކޮޅަކަށް ބުރަނުވެ ދިވެހިރާއްޖޭގެ އަޑު ދެމިއޮތީ އާންމުންގެ އިތުރުބާރު ހޯދައިގެންނެވެ. ކަން އޮންނަންވީ ގޮތާއި ކަންހިނގާގޮތް ދިވެހިރާއްޖޭގެ އަޑުން އަންގައިދެނީ ޔަގީންކަމާއެކުގައެވެ. ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ އަޑުން ޢިލްމު އުނގަންނައިދެނީ ލޯތްބާއެކުއެވެ. މުނިއަވަސް ފިލުވައިދިނުމަށް ދިވެހިރާއްޖޭގެ އަޑުން ޕްރޮގްރާމް ހުށަހަޅައިދެނީ އެކުވެރިކަމާއެކުއެވެ.