ކުޅިވަރު

ޔޫވީ އާއި ގްރީންއަށް ލީގުގެ ފުރަތަމަ ޕޮއިންޓް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

މެޗު އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ގްރީން ސްޓްރީޓްސް އިންނެވެ. ތިން ވަނަ މިނެޓުގައި އެޓީމުގެ ރިލްވާން ވަހީދު (ރިލޭ) ޖެހި ހިލޭޖެހުން ގޯލުގެ އަރިމަތިން ދިޔައިރު އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑް ވިކްޓްރީގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ބައްސާމް އަހުމަދު ނައީމް (ބައްކު) ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ. މެޗަށް ނުކުތް ގްރީން ސްޓްރީޓްސް ޓީމުގައި ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ހިމަނައިފައެވެ. އަދި ޔުނައިޓެޑް ވިކްޓްރީގެ ބިދޭސީ ފޯވާޑް ސިލިޗް ކީރްލޯ އަނިޔާއަށް ފަހު މިއަދުގެ މެޗުގައި ވަނީ ކުޅެފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އެންމެ ފުރަތަމަ ލީޑު ނެގީ ގްރީން ސްޓްރީޓްސް އިންނެވެ. މިއީ ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު ހަލީލް ގަމާލް އަށް ޔުނައިޓެޑް ވިކްޓްރީގެ އަލީ ހަމްދާން އޭރިޔާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން 53 ވަނަ މިނެޓުގައި އެންހެލް ކަރަސްކޯ މުނޯޒް ކާމިޔާބުކުރި ލަނޑެކެވެ. މީ މުނޯޒް މިހާތަނަށް ގްރީން ކުޅުނު ތިން މެޗުން ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

މެޗުގައި ޔުނައިޓެޑް ވިކްޓްރީ އެއްވަރުކޮށްދިން ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް (ޗުންޕު) އެވެ. އިސްމާއީލް އީސާ (މެސީ) ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޗުންޕު އެ ބޯޅަ ވައްދާލީ ގޯލުގެ މަތީ ކަނަށެވެ. މެޗު އެއްވަރުވެފައި އޮއްވައި ފަހު ވަގުތުކޮޅުގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހީމް (އަންކޮ) އަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެކަމަކު ހުސްކޮށް އޮތް ގޯލަކަށް ޖަހަން ލިބުނު ފުރުސަތުގައި އަންކޮ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗު އެއްވަރުވުމުން ދެ ޓީމުން ވަސް ލިގުގެ ފުރަތަމަ ޕޮއިންޓް ލިބިފައެވެ.