ކުޅިވަރު

ލެސްޓާއާއި ޔުނައިޓެޑު އެއްވަރުއިރު، ވިލާ މޮޅުވެ ކުރިޔަށް


އިނގިރޭސި ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު މޮޅުވިޔަ ނުދީ ލެސްޓަރ ސިޓީން ހިފަހައްޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ޔުނައިޓެޑު ލެސްޓާ އަތުން އެއްވަރުވީ 2-2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ މާކޯސް ރަޝްފާޑް ކާމިޔާބުކުރި އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެސްޓާއިން ނަތީޖާ އެއްވަރުކުރީ ހާވީ ބާންސްގެ ލަނޑުންނެވެ. ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑާއެކު ޔުނައިޓުގެ ރަޝްފޯޑް ހިމެނެނީ ޔުނައިޓެޑުގައި 50 ލަނޑުހަމަކުރި ތިންވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާ މި ޝަރަފު ހޯދީ 23 އަހަރާއި 56 ދުވަސް ތެރޭ 50 ލަނޑު ހަމަކޮށްގެންނެވެ. މި ލިސްޓުގައި ދެން ހިމެނެނީ ޔުނައިޓެޑުގެ ކުރީގެ ދެކުޅުންތެރިންކަމަށްވާ ވޭން ރޫނީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ހާވީ ބާންސް ޖެހި ލަނޑާއެކު ލެސްޓާއަށް މި ސީޒަންގައި ކުޅުނު 20 މެޗުގެ ތެރެއިން 7 ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފްގައި އެޑިސަން ކަވާނީ ދިން ބޯޅައަކުން ބްރޫނޯ ފެނާންޑޭޒް ކުރި ހޯދައިދިން އިރު މެޗު ނިމެން ފަސްމިނަޓަށް ވެފައި ވަނިކޮށް ލެސްޓާގެ ޖިމީ ވާޑީ ވަނީ ލަނޑެއްޖަހާ ނަތިޖާ ހަމަހަމަކޮށްފައެވެ. ރޭގެ މެޗުގައި ޔުނައިޓެޑުގެ ބުރޫނޯ ފޭނާންޑޭޒް ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި 10 ލަނޑު ހަމަކުރި ފުރަތަމަ މިޑްފީލްޑް ކުޅުންތެރިޔާއަށެވެ.

ލެސްޓާގެ ކޯޗު ބްރެންޑެން ރޮޖާސްގެ ކޯޗުކަމުގައި މިހާތަނަށް ވާޑީ ވަނީ އެޓީމަށް 44 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ލީގުގެ ގަދަ 6 ގައި ހިމެނޭ ޓީމުތަކުގެ ކޮޅަށް ވާޑީ ޖެހި 40 ވަނަ ލަނޑެވެ. ޔުނައިޓެޑު އެންމެފަހުން ލީގުގައި ރަށުން ބޭރުގައި ކުޅުނު 14 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. މިއީ ލެސްޓާގެ ރޮޖާސްއަށް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 12 މެޗުގެ ތެރެއިން މޮޅެއް ނުހޯދި ނިންމާލި 10 ވަނަ މެޗެވެ.

ރޭ ލީގުގައި އެސްޓަން ވިލާއިން ވަނީ ދިހަ މީހުންނާއެކު ކުޅެ ކްރިސްޓަލް ޕެލޭސްގެ މައްޗަށް ކުރި ހޯދާފައެވެ. އަމިއްލަ ދަނޑުގައި ވިލާއިން ކުރި ހޯދީ 3-0 ލަނޑުންނެވެ. މެޗުގެ ދެވަނަހާފްގައި ވިލާގެ ޓައިރޯން މިންގްސް އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއީ ޑިސެންބަރު 26 ވަނަ ދުވަހު އެޓީމުން ހޯދި ހަތަރުވަނަ ރަތްކާޑެވެ.

މި ނަތީޖާ އެކު ޔުނައިޓެޑު 14 މެޗުން 27 ޕޮއިންޓް ހޯދައިގެން އޮތީ ތާވަލުގެ 27 ވަނައިގައެވެ. އެސްޓަން ވިލާ 13 މެޗުން ހޯދި 25 ޕޮއިންޓާއެކު އޮތީ 25 ވަނައިގައެވެ.