ވިޔަފާރި

އިންޓަރނޭޝަނަލް ފްލައިޓުތައް އިތުރުވާތީ، އެތެރޭގެ އުދުހުންތައް ނޯތު އެޕްރަންއަށް ބަދަލުކޮށްފި


މިދުވަސްވަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓުތައް އިތުރުވަމުންދާތީ އެ ފްލައިޓުތަކަށް ޖާގަ ދިނުމަށް އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލުން ކުރި ޓުވީޓެއްގައި ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ބައިނަލްއަޤްވާމީ ފްލައިޓުތައް އިތުރުވަމުންދާތީ މި ފްލައިޓުތަކަށް ޖާގާ ދިނުމަށް ރާއްޖޭގެ އެތެރޭގެ އުދުހުންތައް އެއަރޕޯޓުގެ ނޯތު އެޕްރަންއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން ރާއްޖެއަށް އަންނަ ފްލައިޓުތައް ދިޔައީ މަޑުމަޑުން އިތުރުވަމުންނެވެ. އަދި މި ދުވަސްކޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީސަނަށްވުމުން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައްވެސް ދަނީ އިތުރުވަމުންނެވެ.

ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ބާރުބޮޑުވާނީ އިއްޔެއާއި މިއަދު ކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ. އެގޮތުން މި ދެދުވަހު ރެކޯޑު އަދަދަކަކަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެމްއޭސީއެލުން ތިބީ އެއަރޕޯޓުގެ އޮޕަރޭޝަންގެ މަސައްކަތްތައް ވީހާވެސް އޮމާންކަމާއެކު ކުރިއަށްގެންދިޔުމަށް ތައްޔާރަށްކަމަށް އެކުންފުނިން ހާމަކުރެއެވެ.