ޚަބަރު

ސިޔާސީ ނުތަނަވަސްކަމާއި ދީނީ ޚިޔާލުތަފާތުވުންތަކަކީ އެއްބައިވަންތަކަމަށް ހުރި ގޮންޖެހުންތަކެއް: ހޯމް މިނިސްޓަރ


ދިވެހިންގެ ތެރޭގައި ހުރި ސިޔާސީ އަދި ދީނީ ޚިޔާލުތަފާތުވުންތަކާއި ކުށްކުރުން އިތުރުވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަމަށް ހުރި ގޮންޖެހުންތަކެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ބައިބައިވުންތަކާ ދެކޮޅަށް މުޅި ޤައުމު އެއްކޮށް ތެދުވަންޖެހޭކަމަށެވެ. މިނިސްޓަރ ވަނީ ދިވެހިންގެ އެއްބައިވަންތަކަމަށް ނުރައްކާވާފަދަ ބައެއް ކަންކަން ދިވެހި މުޖުތަމަޢުގައިވެސް ހުރިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ސިޔާސީ ގޮތުން އަންނަ ނުތަނަވަސްކަމާއި ދީނީ ގޮތުން އަންނަ ޚިޔާލުތަފާތުވުންތަކާއި ބޮޑެތި ކުށްތަކަށް އަރައިގަތުން އިތުރުވުމަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމަށް ހުރި ބޮޑު ނުރައްކަލެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ކަންކަމުން އަރައިގަނެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ބުރަ މަސައްކަތްތަކެއްކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތާރީޚުން ޢިބުރަތް ލިބިގަނެ ގުޅިގެން ކުރާ މަސައްކަތުން އަޅުގަނޑުމެން އެބަޖެހޭ މި ގޮންޖެހުންތަކާއި މިފަދަ ކަންކަމުން އަރައިގަނެ ނަޖާވާން" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ޢިމްރާންވަނީ ސުނާމީ ކާރިޘާ ހިނގި ދުވަސް، އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ހަމަޖެހިގެންދިޔައީ އެދުވަހު ދިވެހިންގެ ފަރާތުން ފެނިގެންދިޔަ ނަމޫނާ އެއްބައިވަންތަކަމުގެ މަތިވެރި ސިފައާއި ގުޅިގެންކަން ފާހަގަކުރައްވާފައެވެ. އަދި އެދުވަހުގެ އެބިރުވެރި ޙާލަތުގައި ކަންކަން ނިންމަންތިބި ވެރިންނަށް ދިވެހިން ކުރި އިތުބާރާއި އިރުޝާދަށް ބޯލެނބުމުގެ ނަތީޖާއަކަށްވީ ލިބުނު ގެއްލުމާއި އަޅާބަލާއިރު އަވަސް ޙާލަތެއްގައި އެންމެން އެކުގައި ޙާލަތުން އަރައައިގަނެވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެ ބިރުވެރިދުވަހުގެ ހަނދާން ނެތް ކުދިންނަށް އެދުވަހުގެ ޙާލަތު ކިޔާދޭންޖެހޭ، އެމަންޒަރު ސިފަކޮށްދޭންޖެހޭ، އެދުވަހު ދެއްކި ނަމޫނާ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ ވެސް އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް." މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި މިނިސްޓަރވަނީ މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޙާލަތުގައިވެސް ދިވެހިންގެ އެއްބައިވަންތަކަން ދެއްކުމަށް އެދިވަޑައިގެންފައެވެ. މިޙާލަތުގައިވެސް އެކަކު އަނެކެއްގެ ޙާލު ބަލައި ކަމާބެހޭ ފަރާތްތަކުން ދެއްވަމުންގެންދަވާ އިރުޝާދުތަކަށް ބޯލަނބައި މި ނުރައްކަލުންވެސް ގުޅިގެން އަރައިގަތުމަށް މަސައްކަތްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.