މަސްވެރިކަމުގެ ޞިނާޢަތަށް އެންމެ ފައިދާ ހުރި ގޮތަކީ އެވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުންކަމަށާއި އެހެންނަމަވެސް މީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ދަޢުލަތުން ދެއްވާ ޤައުމީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަންކަމަށެވެ.
ފެލިވަރުގައި މަސްކިރުވަން އެތައް އިރަކު ކިޔުގައި ތިބެންޖެހުމާއި އައިސްލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން މަސްވެރިން އަންނަނީ އެކަންކަން ހައްލުކުރުމަށް ގޮވާލައި އަޑުއުފުލަމުންނެވެ. އަދި ކަނޑުމަހާއި ބޮޑު ކަންނެލީގެ އަގު މައްޗަށް ޖެއްސުމަށްވެސް މަސްވެރިންގެ އަންނަނީ ގޮވާލަމުންނެވެ. މަސްވެރިންގެ މި ޝަކުވާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުން މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުންކަމަށާއި އެޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މިޞިނާޢަތު ބައްޓަންކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ޞިނާޢަތަށްވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ޤަބޫލެއް ނުކުރައްވާކަމަށެވެ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މިޞިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި. ވަރަށް ގިނަ ލުއިތަކެއް ވެސް ދިން. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަޅުގަނޑުމެން މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މިޞިނާޢަތު ބައްޓަންކުރުން. އެނގިވަޑައިގަންނަވާނެ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ޙާލަތު. ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެއްޖެ." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
މިފްކޯއަށް ދިމާވެފައިވާ މައްސަލަތއް ހައްލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ދެ އަހަރު ތެރޭގައިވެސް ސަރުކާރާއި އެސްޓީއޯއިން މިފްކޯއަށް 571 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އަދި އެކަން އެގޮތަށް ކުރެއްވީ މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމުކަށް އަޔަނުދެއްވުމަކަށްވެސް ރައީސް ވިދާޅުވިއެވެ. މަސްވެރިން ކިރުވާ މަހަށް ދޭންޖެހޭ ފައިސާ ދެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މިފްކޯގެ 14 އަހަރުވީ ދިގު މާޒީގައި މިދިޔަ އަހަރަކީ އެންމެ ގިނައިން މަސް ގަތް އަހަރުކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި މަސްވެރިންނަށް މިފްކޯއިން 1 ބިލިއަނާއި ގާތްކުރާ އަދަދެއްގެ ފައިސާ ދޫކޮށްފައިވާކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
"މިދިޔަ އަހަރަކީ، މިފްކޯގެ ވެއަތުވެދިޔަ 14 އަހަރުގެ ތާރީޚުގައިވެސް، އެންމެ ގިނައިން މަސް ގަތް އަހަރު. އެއީ، 48494 ޓަނުގެ މަސް. އަދި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީ ވެސް މިދިޔަ 2019 ވަނަ އަހަރު. އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި. އާދެ، 1 ބިލިއަން ރުފިޔާއާ ގާތްކުރާ ޢަދަދެއްގެ ފައިސާ މިވަނީ ދެވިފައި. އަދި މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައި." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހު މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދަވާކަމަށެވެ. މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް 460 މިލިއަނަށްވުރެ އަގު ބޮޑު މަޝްރޫޢުތަކެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާކަން ސަރުކާރުން ވަނީ މީގެކުރިންވެސް ހާމަކުރައްވާފައެވެ. އެގޮތުން އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، 7 އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށާއި، ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެކަންވެސް ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.