ވިޔަފާރި

މިދިޔަމަހަށްވުރެ މިމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ގުނަ އިތުރުވެއްޖެ


މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުސްވި މަހާ އަޅާބަލާއިރު 2 ގުނަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 71887 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަމަހު ރާއްޖެއަށް ޒިޔާރަތްކުރި 35759 ފަތުރުވެރިންނާ އަޅާބަލާއިރު 2 ގުނަ އިތުރު އަދަދެކެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ކޮންމެ މަހަކުވެސް އަންނަ ފަތުރުވެރިންގެ އަދަދުދަނީ އިތުރުވަމުންނެވެ.

އެގޮތުން ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެ އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު 7628 ފަތުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއަށް 9538 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޮކްޓޫބަރުމަހު މި އަދަދު ވަނީ 2 ގުނަ އިތުރުވެފައެވެ. އެގޮތުން އޮކްޓޫބަރުމަހު ރާއްޖެއަށް 21515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 148028 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 530875 އަށް އަރާފައެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެގޮތުން ޖުލައި 15 އިން ޑިސެމްބަރުމަހުގެ 23ވަނަ ދުވަހާއި ހަމައަށް ރަޝިޔާއިން ރާއްޖެއަށް 26555 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ.

އެޤައުމުން ރާއްޖެއަށް 23858 ފަތުރުވެރިން ޒިިޔާރަތްކޮށްފައިވާއިރު، 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް 16987 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާއިރު އެވްރެޖްކޮށް ރާއްޖެއަށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް މިހާރު 2875 ފަތުރުވެރިން އާދެއެވެ. މިދިޔަ މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 1192 ފަތުރުވެރިންނެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 100 ފަތުރުވެރިންނެވެ.